ޚަބަރު
އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓްތަކުން ފާހަގަވި ކޮރަޕްޝަންގެ 14 މައްސަލައެއް އޭސީސީއަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި
އައްޑޫ ކައުންސިލު އިދާރާ - ފޮޓޯ: ޕީއެސްއެމް
އައްޑޫ ސިޓީ ކައުންސިލްގެ އޮޑިޓް ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނަށް ތުހުމަތުކުރެވޭ 14 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މެދުވެރިކޮށް ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ކައުންސިލްގެ 11 އޮޑިޓް ރިޕޯޓެއް ދިރާސާކުރުމަށްފަހު އެކުލަވައިލި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅައިގެންނެވެ.
މާލިއްޔަތު ކޮމިޓީން ދިރާސާކޮށްފައިވަނީ އައްޑޫ ސިޓީ ކައުންސިލްގެ 2012 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގެ އިތުރުން 2015 އިން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް އެކުލަވައިލާފައިވާ އޮޑިޓް ރިޕޯޓުތަކެވެ. މި ރިޕޯޓުތަކުގައި ހިމެނޭ ކަންކަމުގައި ކޮރަޕްޝަންގެ އަމަލުތައް އެކުލެވިގެންވޭތޯ ބަލައި ތަހުގީގުކުރަން އޭސީސީއަށް އެންގުމުގެ އިތުރުން، ބައެއް މައްސަލަތަކުގެ އަދާހަމަ މައުލޫމާތު 30 ދުވަހުގެ ތެރޭގައި އަދި އެހެން ތަހުގީގުތައް ކުރިއަށްދާ ގޮތުގެ ތަފްސީލު ކޮންމެ ދެ މަހަކުން އެއްފަހަރު މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށް ވަނީ އަންގާފައެވެ.
އޮޑިޓް ރިޕޯޓުތަކާ ގުޅިގެން ތަހުގީގުކުރުމަށް ފާސްކުރި މައިގަނޑު މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- މާމެންދޫ ސަރަހައްދުން ބަދަލުދިން ގޮތުގެ މައްސަލަ
- ކުއްޔަށް ދޫކޮށްފައިވާ ބައެއް ބިންތަކުގެ މުއްދަތު އިތުރުކޮށްދިނުމުގައި ހުރި މައްސަލަތައް
- ހިތަދޫ އަވަށު އޮފީހަށް ޕިކަޕެއް ހޯދުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތް
- ފޭދޫ އަވަށުގެ މުނިސިޕަލް މަސައްކަތަށް ސްނޯކަލް ލިފްޓެއް ގަތުމުގައި ހިންގާފައިވާ މުއާމަލާތްތައް
ވަކި ފަރާތަކަށް މާލީ މަންފާއެއް ހޯދައިދިނުމަށްޓަކައި މަގާމު އުފައްދައި ވަޒީފާ ދީފައިވާ މައްސަލަ - މަރަދޫ މަސްމާރުކޭޓް އެޅުމުގެ ބިޑިން މަރުހަލާ ކުރިއަށް ގެންދިޔަ ގޮތް
- ކައުންސިލް އިދާރާ މަރާމާތު ކުރުމުގައި އެއްބަޔަކު ހިއްސާވާ ކުންފުންޏަކަށް މަސައްކަތް ހަވާލުކުރި މައްސަލަ
- އެކި އަވަށްތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ބިންތަކަށް އިއުލާނުކުރުމެއް ނެތި ބިން އިތުރުކޮށްދިނުން
- އެކި ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ އަދަދެއްގެ ފައިސާ ދޫކޮށްފައިވާ ކަމަށް ބުނާ މައްސަލަ
- އެއްބަސްވުން އައުނުކޮށް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހަވާލުކުރި މައްސަލަ
- މާލިއްޔަތު ގަވާއިދާ ޚިލާފަށް އަދި އިއުލާނުކުރުމަކާ ނުލައި ގިނަ އަދަދެއްގެ މުދަލާއި ޚިދުމަތް ހޯދާފައިވުން
- މަރަދޫ ބޮޑުމަގުގައި ތާރުއެޅުމަށް މަގު ލެވެލްކުރުމުގެ ތެރޭގައި، މަގުމައްޗަށް އެރި ގޯތިތަކުގެ ވެރިންނަށް ބަދަލުދިން ގޮތުގެ މައްސަލަ
މީގެއިތުރުން، އައްޑޫ ސިޓީ ކައުންސިލްގެ 2022 އަދި 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓާއި، 2024 ވަނަ އަހަރުގެ މާލީ ބަޔާންތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ފުލުހުންގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމަށްވެސް ވަނީ ނިންމާފައެވެ. އަދި އޭސީސީއާއި ފުލުހުން ގުޅިގެން ކުރިއަށްގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތަކުގެ އަދާހަމަ ކޮންމެ ދެ މަހަކުން މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅުމަށާއި، ތަހުގީގުތައް ނިންމުމަށްފަހު އެކުލަވައިލާ ރިޕޯޓުތައްވެސް ހިއްސާކުރުމަށް މަޖިލީހުން ވަނީ އަންގާފައެވެ.