ޚަބަރު
ރާއްޖެއަށް ވަންނަ ބޭރު ފައިސާއަކީ ދައުލަތުގެ އެއްޗެއް: އިބުރާ
އިބުރާހިމް އިސްމާއިލު (އިބުރާ) - ފޮޓޯ: ދަ ޕްރެސް
ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން ވަންނަ ބޭރު ފައިސާއަކީ ވަކިވަކި ފަރުދުންގެ ނުވަތަ ވިޔަފާރިތަކުގެ މިލްކިއްޔާތެއް ނޫން ކަމަށާއި، އެއީ ދައުލަތުގެ ހައްގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އިބުރާ މިހެން ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމް ދާއިރާއިން ލިބޭ ބޭރު ފައިސާ ދައުލަތުގެ މާލީ ނިޒާމުގެ ތެރެއަށް ވެއްދުމަށް ބާރުއެޅުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މުހިންމު އިސްލާހުތަކެއް ގެނެސް، ބިލު ފާސްކުރުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ފޭސްބުކްގައި ޝާއިއުކުރެއްވި ޕޯސްޓުގައި އިބުރާ ފާހަގަކުރެއްވި ގޮތުގައި، މީގެ ދެތިން އަހަރު ކުރިން ވެސް މި މައުޟޫއުގައި އޭނާ ފާޅުކުރެއްވި ހިޔާލަށް މިއަދު ވެސް ބަދަލެއް ނާންނަ ކަމަށެވެ. އެގޮތުން، ރާއްޖެއަށް އެތެރެވާ ކޮންމެ ބޭރު ފައިސާއެއް ވެސް ޖަމާކުރަންވާނީ ދައުލަތަށް ކަމަށާއި، އެ ފައިސާ ގެންނަ ފަރާތަކަށް އޭގެ އަގަށްވާ މިންވަރު ދިވެހި ރުފިޔާއިން ދައުލަތުން ދޭންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އެކި ބޭނުންތަކަށް ބޭރު ފައިސާ ބޭނުންވާ ހާލަތްތަކުގައި، ހަރުދަނާ އަދި އާންމުކޮށް އިއުލާނުކުރެވިފައިވާ އުސޫލެއްގެ ތެރެއިން ދައުލަތުން އެ ފައިސާ ދޫކުރަންޖެހޭނެ ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ. އެފަދަ ހަރުދަނާ އުސޫލެއް ގާއިމުކުރެވިއްޖެނަމަ، ރާއްޖޭގެ ޒަރޫރީ ބޭނުންތަކަށް ފުދޭވަރަށް ބޭރު ފައިސާ ރާއްޖެއަށް ލިބެމުންދާނެ ކަމަށްވެސް އިބުރާ ވިދާޅުވިއެވެ.
"ރާއްޖެއަށް ވަންނަ ބޭރުފައިސާއަކީ ވަކި މީހެއްގެ އެއްޗެއްނޫނެވެ. އެއީ ދައުލަތުގެ އެއްޗެކެވެ. އެ ދޭންޖޭނީ ދައުލަތަށެވެ. އެޔަށްވާ އަގު އެގެނައި މީހަކަށް ދިވެހި ރުފިޔާއިން ދައުލަތުން ދޭންޖެހޭނެއެވެ،".
އިބުރާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކަށް ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ލާޒިމުކޮށްފައެވެ. މި އިސްލާހުގެ ކުރިން ގާނޫނުގައި އޮންނަނީ ކޮންމެ ތިން މަހަކުން އެއްފަހަރު، ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 20 އިންސައްތަ ނުވަތަ ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށެވެ. ނަމަވެސް، މަޖިލީހުން ގެނައި ބަދަލާއެކު ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރު ވަނީ އުވާލާފައެވެ.
މީގެއިތުރުން، ބޭރު ފައިސާ މާރުކުރުމަށް މީގެކުރިން ދީފައި އޮތް ތިން މަސް ދުވަހުގެ މުއްދަތު ކުރުކޮށް، ކޮންމެ މަހަކު ވެސް ގަވާއިދުން ފައިސާ މާރުކުރަންޖެހޭ ގޮތަށް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. އަދި ގާނޫނުގައި ޑޮލަރުން މުއާމަލާތް ކުރުމުގެ ހުއްދަ އޮންނަ ހާލަތްތަކުގައި ހިންގާ ޕޭމެންޓުތަކުގެ އެންމެހައި ތަފުސީލުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ހިއްސާކުރުން މަޖުބޫރުކުރާ މާއްދާތައް ވެސް މި ބިލުގައި ހިމަނާފައިވެއެވެ.
މި އިސްލާހުތަކަކީ ރާއްޖޭގެ މާލީ ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ މިންވަރު އިތުރުކޮށް، ބޭރު ފައިސާގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެޅި މުހިންމު ފިޔަވަޅެކެވެ.