ޚަބަރު
ޑޮލަރު މާރުކުރުމުގެ އާ ގަވާއިދަކީ ގައުމާއި ރައްޔިތުންގެ ފައިދާއަށް ނިންމި ހަރުދަނާ ފިޔަވަޅެއް: ނައިބު ރައީސް
ނާއިބު ރައީސް އަޟްއުސްތާޒު ހުސެއިން މުހައްމަދު ލަތީފް - ފޮޓޯ: ރައީސް އޮފީސް
ބޭރު ފައިސާއިން ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ރުފިޔާއަށް ބަދަލުކުރުން މަޖުބޫރުކުރި ނިންމުމަކީ ދިވެހި ރައްޔިތުންގެ ލާބަޔާއި މުޅި ގައުމުގެ މަންފާއަށްޓަކައި ސަރުކާރުން އެޅުއްވި ވަރުގަދަ ފިޔަވަޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޟްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މައިގަނޑު އަމާޒަކީ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމެވެ. އަދި މި ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ އިގުތިސާދުގައި ބޭރު ފައިސާ ދައުރުވުން ހުއްޓި، ޑޮލަރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ މައްސަލައަށް ދުރުރާސްތާގެ ދާއިމީ ހައްލެއް ގެނައުމެވެ. އެމަނިކުފާނު ވިދާޅުވީ، ބައެއް ވިޔަފާރިތަކަށް ލިބޭ މަންފާއިން ކޮންމެވެސް މިންވަރެއް އުނިވެދާނެތީ ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް، ވިޔަފާރިތަކުގެ ކުރިއެރުން ވެސް ގުޅިފައިވަނީ ގައުމުގެ މިނިވަންކަމާއި އިގުތިސާދީ ދުޅަހެޔޮކަމާ ކަމަށެވެ.
މީގެއިތުރުން، މި ފިޔަވަޅަކީ ކުރީގެ ވެރިކަންތަކުގައްޔާއި މަޖިލިސް ފެންވަރުގައި ވެސް އަބަދުވެސް ބަހުސްކުރެވި، ނަމަވެސް ތަންފީޒުކުރަން ނުކެރި ފަސްޖެހިފައި އޮތް ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. މި ސަރުކާރުން އިގުތިސާދާ ހަވާލުވިއިރު ގައުމު އޮތީ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ކަމަށާއި، މި ހާލަތު މެދުވެރިވީ ކުރީގެ އެމްޑީޕީ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ކަމަށް ވިދާޅުވެ، އެ ޒިންމާ އެމްޑީޕީން އުފުލަންޖެހޭނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ރިސޯޓުތަކުގެ އާމްދަނީން ބޮޑު ބައެއް މާރުކުރަން ލާޒިމުކުރުމާ ގުޅިގެން، ރިސޯޓު އޮޕަރޭޓަރުންގެ ޖަމިއްޔާ (މަޓީ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޓީން ބުނެފައިވަނީ ތެލާއި، މުސާރަ އާއި ސާވިސް ޗާޖު، އެކިއެކި ޓެކްސްތަކާއި ލޯނުތައް އަދި ރަށްރަށުގެ ކުލި ފަދަ ގިނަ ހަރަދުތައް ކުރަންޖެހެނީ ޑޮލަރުން ކަމަށްވާތީ، 40 ޕަސެންޓް މާރުކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް އުފުލަން ދަތި ބުރައެއް ކަމަށެވެ.
މި ކަންބޮޑުވުންތަކާ ގުޅިގެން ނައިބު ރައީސް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ ގައުމީ މަސްލަހަތު އިސްކުރައްވާ ލީޑަރެއް ކަމަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި އިގުތިސާދު ހަމަމަގަށް އެޅުވުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސަރުކާރު ފަހަތަށް ނުޖެހޭނެ ކަމަށެވެ.