Ads by Farudhun

ޚަބަރު

ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒުކުރައްވަން ކެރިވަޑައިގަތީ ރައީސް ޑރ. މުޢިއްޒަށް: ނައިބު ރައީސް

ޑޮލަރު މާރުކުރުމުގެ ސިޔާސަތު ތަންފީޒުކުރައްވަން ކެރިވަޑައިގަތީ ރައީސް ޑރ. މުޢިއްޒަށް: ނައިބު ރައީސް

ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް - ފޮޓޯ: އެޓޯލް ޓައިމްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޯގަސްޓު 2026، 11:34

29 އޯގަސްޓު 2026، 11:34

ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ވަކި މިންވަރެއް ބޭންކުތައް މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ކުރީގެ ސަރުކާރުތަކުން ވެސް ގެންގުޅުނު ވިސްނުމެއް ނަމަވެސް، ރައްޔިތުންގެ ހައްގުގައި އެކަން އަމަލީ ގޮތުން ތަންފީޒުކުރައްވަން ކެރިވަޑައިގެންނެވި ހަމައެކަނި ވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

"އެމްއެމްޓީވީ" ގެ "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ އިސްލާމްދީނާއި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ. އަދި އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއް ބައްޓަންކުރައްވަނީ ސީދާ ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ ފައިދާ ލިބޭނެ ގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ ޑޮލަރުގެ ދަތިކަމަށް އަލިއަޅުއްވާލައްވަމުން ނައިބުރައީސް ވިދާޅުވީ، އިގުތިސާދުގެ ތެރޭގައި ޑޮލަރު ދައުރުނުވާ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން އެޅި ފިޔަވަޅަކީ ދުރުވިސްނުމާ އެކު ފަރުމާކޮށްފައިވާ ވަރަށް ހަރުދަނާ ސިޔާސަތެއް ކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން އާންމު ރައްޔިތުންނަށް ބޮޑެތި މަންފާތަކެއް ލިބިގެންދާނެ ކަމަށާއި، ބައެއް ފަރާތްތަކުން މިކަމާ ހިތްހަމަނުޖެހެނީ އެ ފަރާތްތަކަށް ލިބެމުންދިޔަ ބައެއް ފައިދާތަކަށް އުނިކަން އަންނާތީ ކަމަށްވެސް ވިދާޅުވިއެވެ.

"ޑޮލަރު ނުލިބި ގައުމުގެ އިގުތިސާދުގައި ޑޮލަރު ދައުރުނުވާ ނުވުމަށް ނިމުމެއް ގެނައުމަށްޓަކައި ހަރުދަނާ ދުރުވިސްނޭ ސިޔާސަތެއް އެ ނިންމެވީ. އެހެންވީމާ އެ ސިޔާސަތުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ މަންފާތައް ކިތަންމެހާ ވެސް ބައިވަރު. އެހެންނަމަވެސް، މީގެ ތެރޭގައި އުޅެދާނެ ހިތްހަމަނުޖެހޭ ބަޔަކު، އެއީ އެ ބަޔަކަށް ލިބޭ މަންފާތައް ކޮންމެވެސް ވަރަކަށް އުނިތަކެއް އައިސްދާނެތީ،"

ނައިބުރައީސް ވިދާޅުވިއެވެ. 

މީގެއިތުރުން، ގައުމުގެ މާލީ ހާލަތު މިހާ ދަށަށް ދިޔަ ސަބަބުތައް ބަޔާންކުރައްވަމުން ނައިބުރައީސް ފާހަގަކުރެއްވީ، ކުރީ ސަރުކާރުން ދައުލަތުގެ ޚަރަދަށް ޒިންމާވާ ގާނޫނު ސަސްޕެންޑްކޮށް ގިނަ އަދަދަކަށް ފައިސާ ޗާޕުކުރުމަކީ ބޭރު ފައިސާގެ ތަދުމަޑުކަމަށް މެދުވެރިވި މައިގަނޑު ސަބަބު ކަމަށެވެ. އެ ދުވަސްވަރު އިދިކޮޅު ފަރާތްތަކުން ފައިސާ ޗާޕުކުރުމުގެ ނުރައްކާތެރިކަމާ މެދު ދިން އިންޒާރުތަކަށް އެއްވެސް ސަމާލުކަމެއް ދީފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ޑޮލަރު މާރުކުރުމުގެ ސިޔާސަތު ގެންނަން މަސައްކަތްކުރިކަން ފާހަގަކުރައްވައި ނައިބުރައީސް ވިދާޅުވީ، އެ ސަރުކާރަށް އެކަން ތަންފީޒު ނުކުރެވި ފަހަތުފަޔަށް ބުރަވާން ޖެހުނު ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަފާތަކީ ގައުމާއި ރައްޔިތުންގެ ހައްގުގައި ނިންމަވަންޖެހޭ މުހިންމު ނިންމެވުންތައް ނިންމެވުމުގައި ފަސްޖެހިވަޑައިނުގެން، ހިތްވަރާއެކު ކުރިއަށް ވަޑައިގަތުން ކަމަށް ނައިބުރައީސް ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450