ޚަބަރު
ވަޒީރު ރާފިއު މަޑުއްވަރީ ވޮލީ ކޯޓު ހުޅުވައިދެއްވައިފި
މިކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ކުޅިވަރާއި ބެހޭ ވުޒާރާ
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
ވަޒީރު މި ޕާކު ހުޅުއްވައިދެއްވީ ހުކުރު ދުވަހުގެ ރޭ މަޑުއްވަރީގައި އެކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގެ ތެރެއިންނެވެ.
މި ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ، އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު ވޮލީކޯޓްގެ ސަބަބުން، ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް މަޑުއްވަރީން އުފެދިގެން ދިއުން ކަމަށް ވިދާޅުވެފައެވެ.
އަދި ރަށުގެ ރައްޔިތުން ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.
ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދޭ މުހިންމު ވަސީލަތެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ވަޒީރު ވިދާޅުވީ ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަން ދެމެހެއްޓުމުގެ އިތުރުން، މީހުންގެ އަހުލާގާއި ސުލޫކު ރަނގަޅުކޮށްދީ، މުޅި މުޖުތަމައުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށް އަގުހުރި ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު، މ. މަޑުއްވަރީ ވޮލީބޯޅަ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފި. pic.twitter.com/wDnHidiECh
— Ministry of Youth Empowerment, Sports and Fitness (@MoYSF_mv) August 29, 2026
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ތަރައްގީއަށް ޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށެވެ.
ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއް ވަނީ އެ ކޯޓުގައި ކުޅެފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް އެޅުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ތެރެއިން، މި ވަގުތުމވެސް 10 ރަށެއްގައި ކޯޓު އެޅުމުގެ އަމަލީ މަސައްކަތްތައް ކުރައްވަމުންދާ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.