Ads by Farudhun

ޚަބަރު

ރާއްޖޭގައި ޙާފިޡުންގެ ޢަދަދު 320 އަށް އަރައިފި

ރާއްޖޭގައި ޙާފިޡުންގެ ޢަދަދު 320 އަށް އަރައިފި

ޙާފިޡުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2026، 11:16

30 އޯގަސްޓު 2026، 11:16

ކީރިތި ޤުރުއާނަކީ މާތް ﷲ ގެ ކަލާމްފުޅު ކަމަށްވާއިރު، އެ ފޮތަކީ ބަރަކާތުން ފުރިގެންވާ އަދި އިންސާނިއްޔަތަށް ތެދުމަގާއި ހިދާޔަތް ލިބިދޭ މަތިވެރި މުޢުޖިޒާތެކެވެ. ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށް ވުމާއެކު، ކޮންމެ ދުވަހަކުވެސް ޤުރުއާނުން މިންވަރެއް ތިލާވަތުކުރުމާއި، އެ ފޮތުގެ އާޔަތްތައް ހިތުދަސްކުރުމަކީ ދިވެހިން ނުހަނު ލޯބިކުރާ މަތިވެރި އަޅުކަމެކެވެ. އެގޮތުން، ރާއްޖޭގައި ކީރިތި ޤުރުއާން ހިތުދަސްކުރާ މީހުންނާއި ހިތުދަސްކޮށްގެން ސަނަދު ހާސިލުކުރާ ޙާފިޡުންގެ އަދަދު މިހާރު އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.

ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޕީއެސްއެމް ނިއުސްއަށް ހިއްސާކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ރާއްޖޭގައި ޤުރުއާން ހިތުދަސްކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 320 އަށް އަރާފައެވެ. އަދި މިއަހަރުގެ މިހާތަނަށް އެކަނިވެސް 29 ދަރިވަރަކު ވަނީ މުޅި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައެވެ. މީގެ ތެރޭގައި 13 އަހަރުގެ 4 ކުދިން، 15 އަހަރުގެ 5 ކުދިން، 16 އަހަރުގެ 4 ކުދިން، 18 އަހަރުގެ 2 ކުދިން، 19 އަހަރުގެ 2 ކުދިން އަދި 23 އަހަރުގެ ކުއްޖެއް ހިމެނެއެވެ. މީގެއިތުރުން، އުމުރުން 43 އަހަރުން މަތީގެ 4 ބޭފުޅަކުވެސް މިއަހަރުގެ ތެރޭގައި ޤުރުއާން އެއްކޮށް ހިތުދަސްކޮށްފައިވެއެވެ. ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ހަގު ޙާފިޡަކީ އުމުރުން އެންމެ 7 އަހަރުގައި ޤުރުއާން ހިތުދަސްކުރި، މިހާރު އުމުރުން 11 އަހަރުގެ އަމަން އަޙްމަދު ޢާތިފްއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، މިހާރުވެސް ޤުރްއާނާ ބެހޭ މަރުކަޒުގެ ކްލާސްތަކުގައި 1,185 މީހުން އަންނަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ. މީގެ ތެރޭގައި އުމުރުން 7 އަހަރުން މަތީގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ ދޮށީ އުމުރުގެ މީހުންވެސް ހިމެނެއެވެ. އަދި މިވަގުތުވެސް 16 އަހަރާއި، 20 އަހަރާއި، 22 އަހަރުގެ 3 ދަރިވަރަކު އަންނަނީ ޤުރުއާން އެއްކޮށް ހިތުދަސްކޮށް، ކޮމިޓީއަށް ކިޔައިދެމުންނެވެ.

ރާއްޖޭގައި ޙާފިޡުކަމުގެ އިމްތިޙާނު ކުރިއަށް ގެންދަނީ އެކަމަށް ކަނޑައެޅިފައިވާ ޚާއްސަ އުސޫލެއްގެ ދަށުންނެވެ. އެގޮތުން، ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގައި ރަޖިސްޓަރީވެގެން ހިންގާ ކުލާސްތަކުގެ ދަރިވަރުން އިމްތިޙާނަށް އެދި ހުށަހެޅުމުން އެ މަރުކަޒުން އިމްތިޙާން ހަމަޖައްސައިދެއެވެ. އަދި ރަޖިސްޓަރީ ނުކޮށް ހިންގާ ކުލާސްތަކާއި އަމިއްލަގޮތުން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ފުރުޞަތު ދެވެނީ، މަރުކަޒުގައި ދަފުތަރުކޮށްފައިވާ ޙާފިޡެއްގެ ކުރިމަތީގައި ކިޔައިދީ ފެންވަރު ހުރިކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. ޤުރުއާން ހިތުދަސްކުރާ ފަރާތްތައް ގިނަވަމުންދާތީ، އެއްވަގުތެއްގައި ގިނަ ދަރިވަރުންނަށް އިމްތިޙާނު ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ޙާފިޡުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރުމުގެ މަސައްކަތްވެސް އެ މަރުކަޒުން މިހާރު އަންނަނީ ކުރަމުންނެވެ.

ރާއްޖޭގައި މިވަގުތު ޤުރުއާން ހިތުދަސްކޮށްދޭ 20 މަރުކަޒެއް ހިންގަމުން އަންނައިރު، އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދަނީ ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ މާލެ އަދި ހުޅުމާލެ ގޮފީގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިއްމު އަމާޒަކީ މި 5 އަހަރުގެ ދައުރުގެ ތެރޭގައި ރާއްޖޭގައި ޙާފިޡުންގެ ޢަދަދު 500 އަށް އިތުރުކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ވަނީ ޙާފިޡުންނަށް ދެމުން އަންނަ ދައުލަތުގެ އެލަވަންސް ދެގުނައަށް ބޮޑުކޮށްދެއްވާފައެވެ. އަދި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން، ދަސްވެނިވުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށާއި، އެކަމަށް ޚާއްސަ ޝަރަފުވެރި ގައުންއެއް ތައްޔާރުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450