ޚަބަރު
އިންޖިނިއާސް އެވޯޑްގެ އިވެލުއޭޝަން ކޮމެޓީއަށް 7 މެންބަރަކު އައްޔަނުކުރައްވައިފި
ރާއްޖޭގެ އިންޖިނިއަރުންތަކެއް. ފޮޓޯ: އިންޓަނެޓް
މި އަހަރު ބާއްވާ އިންޖިނިއާސް އެވޯޑަށް ހުށަހަޅާފައިވާ ފޯމުތައް ބަލައި މާކްސް ދިނުމުގެ މަސައްކަތަށް ހަތް މެންބަރުން ހިމެނޭ ކޮމިޓީއެއް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އެކުލަވާލައިފިއެވެ.
ދިވެހިރާއްޖޭގެ ތަރައްގީއަށާއި އިންޖިނިއަރިން ދާއިރާ ކުރިއެރުވުމަށް އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ވެދެއްވާ އަގުހުރި ހިދުމަތްތައް ފާހަގަކުރުމުގެ ގޮތުން ބާއްވާ މި އެވޯޑު ދިނުމުގެ ހަފުލާ ތާވަލުކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، ހުށަހެޅުންތައް ވަޒަންކުރުމަށް އެކުލަވާލި ހަތް މެންބަރުންގެ ކޮމިޓީގެ އިސްވެރިޔަކަށް ނުވަތަ ޗެއާއަކަށް ހަމަޖައްސާފައިވަނީ އެ ވުޒާރާގެ ހުސައިން ޝިޔާމެވެ.
ކޮމެޓީގެ މެންބަރުން:
- އަލްފާޟިލް ޙުސައިން ޝިޔާމް، މ. މަހެކް، މާލެ
- ޑޮކްޓަރ ޔޫސުފް ނިޘާމް، އޯކިޑްވިލާ، ރ. ހުޅުދުއްފާރު
- އަލްފާޟިލް މުޙައްމަދު ސައިފު ސަޢީދު، ބޮކަރުމާއާގެ، ގއ. ވިލިނގިލި
- ޑޮކްޓަރ އަޙްމަދު ރަނޭޝް، މއ. ބޯޅަޖެހިގެ، މާލެ
- އަލްފާޟިލް ޙަމްދޫން މުޙައްމަދު، މ. ހިކިގުލްއަލާމާ، މާލެ
- އަލްފާޟިލް އިސްމާޢީލް އިބްރާހީމް، ގ. ރޯޒަރީ-ވެސްޓް، މާލެ
- އަލްފާޟިލް މުޢާވިޔަތު ޝަރީފް، ގ. އާގަސް، މާލެ
މި އެވޯޑު ހަފުލާގައި އިންޖިނިއަރިންގެ ދާއިރާއިން ޖުމްލަ 10 ދާއިރާއަކުން ނުވަތަ ގިންތިއަކުން އެވޯޑު ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
ދިވެހި އިންޖިނޭރުން ޤައުމީ ތަރައްޤީއަށް ކުރައްވާ މުހިންމު މަސައްކަތްތައް ބަލައިގަނެ އެކަމުގެ އަގުވަޒަންކުރުމަށް ޓަކައި، 2026 ވަނަ އަހަރުން ފެށިގެން އިންޖިނޭރުންގެ ޤައުމީ އެވޯޑެއް ސަރުކާރުގެ ފަރާތުން ދެއްވަން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ 30 އޮގަސްޓް 2025 ގައި ހާމަކުރައްވާފައެވެ.