ވިޔަފާރި / ޚަބަރު
ކުޑަކުދިންގެ ހަވީރުގައި އެމް.އޭ.ސީ.އެލް އިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި
އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލަނީ ފޮޓޯ: އެމްއޭސީއެލް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްގެންދިޔަ ޤައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ހިންގުމާ ގުޅިފައިވާ އެކިއެކި އިންޖިނިއަރިންގ އަދި ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.
މި ހަރަކާތަކީ ޤައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން، ޤައުމުގެ ކުރިއެރުމުގައި އިންޖިނިއަރިންގ ދާއިރާގެ މުހިންމު ދައުރު ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ އެކި މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
މި އިވެންޓުގައި އެމް.އޭ.ސީ.އެލްގެ ފަރާތުން އިންޖިނިއަރިންގ އަދި ޓެކްނިކަލް މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ވޯޓަރ އެންޑް ސެވެރޭޖް ސަރވިސަސް (ޑަބްލިއު.އެސް.އެސް)
- މެކޭނިކަލް ސަރވިސަސް (އެމް.އެސް.ޔޫ)
- ހީޓް ވެންޓިލޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ (އެޗް.ވީ.އޭ.ސީ)
- ފިއުލް ސަރވިސަސް
- އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ)
- އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް (އޭ.ޖީ.އޭ)
- ޕަވަރ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން (ޕީ.ޖީ.ޑީ.ޑީ)
މިއީ ރާއްޖޭގެ މައި ވައިގެ ބަނދަރު އެކަށީގެންވާގޮތުގައި ހިންގުމަށްޓަކައި ކުރެވޭ މުހިންމު ފަންނީ މަސައްކަތްތައް ތަޖުރިބާކޮށްލުމަށް ޒިޔާރަތްކުރި ކުދިންނަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތެކެވެ.
މި ޙަރަކާތުގައި ބައިވެރިވި ފަރާތްތަކަށް އެމް.އޭ.ސީ.އެލް ގެ އިންޖިނިއަރުންގެ ޢަމަލީ ތަޖުރިބާތައް ހިއްސާކޮށް، އެއަރޕޯޓު ހިންގުމުގެ ދާއިރާއިން ފަހިވެފައިވާ އިންޖިނިއަރިންގ ފުރުޞަތުތަކާ ބެހޭ މަޢުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އެމް.އޭ.ސީ.އެލް އިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން، ޤައުމުގެ އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ޤާބިލު ޒުވާނުންތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމަށެވެ.