Ads by Farudhun

ޚަބަރު

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމަށް އެންސްޕާއިން ހުޅުވާލައިފި

އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގައި އަލުން ރަޖިސްޓްރީވުމަށް އެންސްޕާއިން ހުޅުވާލައިފި

ކުޑަކުދިންގެ ހަވީރެއް ފޮޓޯ: ރަސްރަނި ބަގީޗާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2026، 12:57

30 އޯގަސްޓު 2026، 12:57

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދެމުން އަންނަ އިޖްތިމާޢީ ރައްކާތެރިކަމުގެ އެކި ޕްރޮގްރާމްތަކުގެ ދަށުން އެހީ ލިބެމުންދާ ފަރާތްތަކުން އަލުން ރަޖިސްޓްރީވުމުގެ ފުރުޞަތު އެ އެޖެންސީން ހުޅުވާލައިފިއެވެ.

އެންސްޕާއިން މަޢުލޫމާތު ދެއްވާ ގޮތުގައި އަލުން ރަޖިސްޓްރީވާން ހުޅުވާލާފައިވަނީ އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ހައްޤުވެރި ރައްޔިތުންނަށް މި އެހީތައް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ. އިޖްތިމާޢީ ރައްކާތެރިކަމުގެ ޢާންމު ޤަވާޢިދުގެ ދަށުން މި އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް އެހީ ދޫކުރަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް، މަހުން މަހަށް ބަހާލައިގެންނެވެ.

އެ އެޖެންސީން ވިދާޅުވީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓްރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން އެހީ ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން ނޮވެންބަރު މަހުގެ ނިޔަލަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އަލުން އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހު ކަމަށްވެސް އެންސްޕާއިން ހާމަކުރެއެވެ.

މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ އެހީތަކުގެ ތެރޭގައި؛ ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއާއި، ފަޤީރު ޙާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ އިތުރުން، ފަޤީރު ޙާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ހިމެނެއެވެ.

އެންސްޕާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ މަހު އެކަނިވެސް ފަޤީރު ޙާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް އެހީގެ ގޮތުގައި 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. އެއީ 3،313 މައިން ނުވަތަ ބަފައިންނާއި އެމީހުންގެ ބެލުމުގެ ދަށުގައިވާ 5،687 ކުޑަކުދިންނަށެވެ. މީގެއިތުރުން މިދިޔަ މަހު އަލަށް މި އެހީއަށް އެދި 112 މީހުން އަދި 207 ކުދިން ވަނީ ރަޖިސްޓްރީކޮށްފައެވެ.

ހަމައެއާއެކު، މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހުން ބަލަހައްޓާ 132 ކުދިންނާއި އެކުދިން ބަލަހައްޓާ 98 ބެލެނިވެރިއަކަށް މިދިޔަ މަހު 181،000 ރުފިޔާގެ އެހީ ދީފައިވެއެވެ. އަދި ފަޤީރު ޙާލަތުގައި ދިރިއުޅޭ 659 ފަރާތަކަށް ކާބޯތަކެތި ގަތުމަށްޓަކައި 26،360 ރުފިޔާގެ އެހީ ފޯރުކޮށްދީފައިވާ ކަމަށްވެސް އެންސްޕާއިން ހާމަކުރައްވައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450