Ads by Farudhun

ޚަބަރު

ރިވެލި އެވޯޑަށް ނަން ހެށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރިވެލި އެވޯޑަށް ނަން ހެށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ރިވެލި އެވޯޑު 2021 / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

30 އޯގަސްޓު 2026، 02:57

30 އޯގަސްޓު 2026، 02:57

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި މި ދާއިރާގައި މަސައްކަތް ކުރައްވާ އެކިއެކި ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ "ރިވެލި އެވޯޑު" އަށް ނަން ހުށަހެޅުމުގެ މުއްދަތު މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރއިން އިތުރުކޮށްފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިހާރު ވަނީ 17 ސެޕްޓެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 އާ ހަމައަށް އިތުރުކޮށްފައެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތައް އެކުލެވޭ ލިޔުމާއި އެޕްލިކޭޝަން ފޯމު އަދި އެވޯޑު ދިނުމުގެ އުޞޫލު، އުމަރު ޒާހިރު އޮފީސް ބިލްޑިންގގައި ހުންނަ މިނިސްޓްރީގެ ކައުންޓަރުންނާއި، މިނިސްޓްރީގެ ވެބްސައިޓް (health.gov.mv) އިންނާއި، އަތޮޅުތެރޭގައި ޤާއިމުކޮށްފައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކުން ލިބެން ހުންނާނެކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމުތަކާއި ގުޅުންހުރި ލިޔުންތައް މިނިސްޓްރީގެ ކައުންޓަރަށް ނުވަތަ [email protected] އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ވެސް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

ރިވެލި އެވޯޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނާއި، އެފަރާތްތަކަށް އިޤްތިޞާދީ އަދި އިޖުތިމާޢީ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ "އޯގާތެރި މުޖުތަމަޢު" ގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ހިންގޭ މުހިންމު ޤައުމީ ހަރަކާތެކެވެ.

މި އެވޯޑު ދިނުމުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، އެފަރާތްތަކުގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުން ހިމެނެއެވެ. މީގެއިތުރުން، މިފަދަ ފަރާތްތަކުގެ ޙައްޤުތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއި، މުޖުތަމަޢުގެ އެކި ދާއިރާތަކުން އެފަރާތްތަކަށް ފުރުޞަތުތައް ފަހިކޮށްދީ ބައިވެރިވުން އިތުރުކުރުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަމިއްލަ މިނިވަންކަމަށް ވަކާލާތުކޮށް ކުރިއެރުމަށް މަގުފަހިކުރުން ވެސް ހިމެނެއެވެ.

މި އަހަރުގެ ރިވެލި އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 06 ދާއިރާއަކުންނެވެ. އެ ދާއިރާތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދާއިރާއާއި، އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް ރީތި ނަމާއި ކާމިޔާބީތައް ހޯދައިދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާ ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމް ފޯރުކޮށްދިނުމުގެ ދާއިރާއިން ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އިތުރުން، އެފަދަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމުޢިއްޔާތަކަށް ވެސް މި އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ފަންނީ އަދި ފަރުދީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއާއި، ނުކުޅެދުންތެރިކަން ހުންނަ މީހުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ އަމިއްލަ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ދާއިރާ ވެސް މީގެ ތެރޭގައި ހިމެނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450