ޚަބަރު
އައިޔޫއެމްގެ 11 ވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ފަށައިފި
އައިޔޫއެމްގެ 11 ވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އައިޔޫއެމް
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 11 ވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ) ފަށައިފިއެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަހާސިންތާއަކީ އެކި ދާއިރާތަކުން ކޮށްފައިވާ ދިރާސާތަކާއި ހޯދުންތަކުގެ ޢިލްމު ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ޙިއްސާކުރުމުގެ މަގުފަހިކޮށްދިނުމަށް ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު މަހާސިންތާއެވެ.
މި އަހަރުގެ ކޮންފަރެންސް އިންތިޒާމުކޮށްފައިވަނީ ޢިލްމީ އަދި ސަޤާފީ ގިނަ ޕްރޮގްރާމްތަކަކާ އެކުގައެވެ. އެގޮތުން ކޮންފަރެންސްގެ މައިގަނޑު ހަރަކާތްތައް ދެ ދުވަހުގެ މުއްދަތަށް ޕެރެލަލް ރޫމްތަކުގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިއަހަރުގެ ކޮންފަރެންސްގައި ބައިވެރިވުމަށް 526 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި ހާޒިރުވެގެން ބައިވެރިވާ 344 މީހުންނާއި އޮންލައިންކޮށް ބައިވެރިވާ 182 މީހުން ހިމެނެއެވެ. މީގެ ތެރޭގައި 18 ޤައުމަކުން 53 ބައިވެރިން ހިމެނެއެވެ.
މި މަހާސިންތާއަށް ޖުމްލަ 167 ކަރުދާހެއް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން ބަލައިގަނެފައިވަނީ 139 ކަރުދާހެވެ. ހުށަހެޅި ކަރުދާސްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 85 ކަރުދާހަކާއި، ބައިނަލްއަޤްވާމީ 83 ކަރުދާސް ހިމެނެއެވެ. މި ކޮންފަރެންސް ފެށުމުގެ ކުރިން މުހިންމު 10 މަސައްކަތު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ކޮންމެ ދަންފަޅިއެއްގައި ގާތްގަނޑަކަށް 40 އާއި 80 އާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވެފައިވެއެވެ.
އައިޔޫއެމްއިން ފާހަގަކުރާ ގޮތުގައި މިފަދަ ޢިލްމީ މަސައްކަތު ބައްދަލުވުންތަކުގެ ސަބަބުން ދިރާސާވެރިންނާއި ދަރިވަރުންގެ ދިރާސީ ޤާބިލުކަމާއި ހުނަރުތައް އިތުރުވެގެންދާނެއެވެ. ޚާއްޞަކޮށް ޒަމާނީ އާލަތްތައް އަޚުލާޤީ މިންގަނޑުތަކުގެ ތެރޭގައި ޢިލްމީ މަސައްކަތްތަކަށް ބޭނުންކުރާނެ ގޮތްތަކާއި، ބައިނަލްއަޤުވާމީ ފެންވަރުގެ ޖާނަލްތަކުގައި ދިރާސާތައް ޝާއިޢު ކުރުމަށް ބޭނުންވާ މުހިންމު އުކުޅުތައް ޢަމަލީގޮތުން ދަސްވެގެންދާނެއެވެ. އަދި އެކި ދާއިރާތަކުގެ މާހިރުންނާ ބައްދަލުވެ، ޢިލްމީ ގުޅުންތައް ބަދަހިވެ، ދިރާސާތަކުގެ ފެންވަރު މަތިކުރުމަށް މަގުފަހިވާނެއެވެ.
އައިސީއައިއޭ ކޮންފަރެންސަކީ ރާއްޖެއާއި ސަރަޙައްދީ ފެންވަރުގައި ޢިލްމީ ދިރާސާގެ މާޙައުލު ކުރިއަރުވައި، ދިރާސާވެރިން އެއް ފުރާޅެއްގެ ދަށަށް ގެނައުމުގައި ބޮޑު ކާމިޔާބީއެއް ހޯދަމުންދާ މުހިންމު ހަރަކާތެކެވެ.