ވިޔަފާރި / ޚަބަރު

"އެސްއެމްއީ ޑިޖިޓަލް" މޮބައިލް އެޕް ތަޢާރަފުކޮށްފި

"އެސްއެމްއީ ޑިޖިޓަލް" މޮބައިލް އެޕް ތަޢާރަފުކޮށްފި

އެސްއެމްއީ ޑިޖިޓަލް" މޮބައިލް އެޕްލިކޭޝަން ރަސްމީކޮށް އިފްތިތާޙުކުރުން ފޮޓޯ: އެސްއެމްއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2026، 05:00

30 އޯގަސްޓު 2026، 05:00

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަމާއި ވިޔަފާރި ކުރިއެރުވުމުގެ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، "އެސްއެމްއީ ޑިޖިޓަލް" މޮބައިލް އެޕްލިކޭޝަން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މިއަދު ތަޢާރަފުކުރެވުނު މި މޮބައިލް އެޕް މެދުވެރިކޮށް، ކަސްޓަމަރުންނަށް ރައްކާތެރި އަދި ފަސޭހަ ޕްލެޓްފޯމެއްގެ ތެރެއިން ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް އެސްއެމްއީ ޑިޖިޓަލްގެ އެންމެހައި ޚިދުމަތްތައް ހޯދުމުގެ މަގު ވަނީ ފަހިވެގެން ގޮސްފައެވެ.

މި އެޕްލިކޭޝަން އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ޙަސަން ވިދާޅުވީ، ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި އެ ޚިދުމަތްތައް މެނޭޖްކުރުން ވީހާވެސް ލުއިފަސޭހަ ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި ޑިޖިޓަލް ވަސީލަތްތަކަށް އިންވެސްޓްކުރުން ކުރިއަށްގެންދަވާނެ ކަމަށެވެ. އަދި މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށްވުމަށް ކުރާ ދަތުރުގައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން އަބަދުވެސް މަސައްކަތް ކުރަނީ ވިޔަފާރިވެރިންނަށް ޚިދުމަތްތައް ހޯދުމާއި މެނޭޖްކުރުން ފަސޭހަކޮށްދޭނެ ޑިޖިޓަލް ހައްލުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ މޮބައިލް އެޕް ތައާރަފުކުރުމުން ރަމްޒުކޮށްދެނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް، އަވަސް އަދި ފަސޭހަ މާލީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތް. މިއީ ފުރިހަމަ ޑިޖިޓަލް މާލީ އިދާރާއަކަށް ވުމަށް އަޅުގަނޑުމެން ކުރާ ދަތުރުގައި ލިބުނު އިތުރު މުހިންމު ކުރިއެރުމެއް

      ބަދުރުއްދީން 

މި އެޕްލިކޭޝަން މެދުވެރިކޮށް ލިބިގެންދާ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި:

  • އެސްއެމްއީ ޑިޖިޓަލްގެ އެކި ޚިދުމަތްތަކަށް އެދި ހުށަހެޅުން
  • ހުށަހަޅާފައިވާ އެޕްލިކޭޝަންތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ވަގުތުން ބަލައިލެވުން
  • ނަގާފައިވާ ފައިނޭންސިންގ ފެސިލިޓީތަކުގެ ތަފްޞީލު ބަލައި މެނޭޖްކުރުން
  • ފަސޭހަކަމާއެކު ފެސިލިޓީތަކަށް ފައިސާ ދެއްކުން
  • މުހިންމު އަޕްޑޭޓްތަކާއި ނޮޓިފިކޭޝަންތައް ވަގުތުން ލިބުން
  • އެސްއެމްއީ ޑިޖިޓަލްއާ ސީދާ މުޢާމަލާތްކުރުމުގެ ފުރުޞަތު

ސީއީއޯ ބަދުރުއްދީން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތަކާއި ޚިދުމަތްތައް ވިއްކޭނެ ފަދަ ޑިޖިޓަލް މާކެޓް ޕްލޭސްއެއް ހިމެނޭހެން، އިތުރު އައު ފީޗަރތައް މި އެޕަށް އިތުރުކުރެވެމުންދާނެ ކަމަށެވެ.

މި އެޕްލިކޭޝަން ދާދި އަވަހަށް އެޕަލް އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ. އެޕް ބޭނުންކުރުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އެކި މަރުޙަލާތަކަށް ބަހާލައިގެން ކަމަށާއި، ކަސްޓަމަރުންގެ އެކައުންޓްތަކަށް މި ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހުމުން އެކަން އަންގަމުންދާނެ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.



Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450