ޚަބަރު
ގޭބިސީތަކުގެ އާމްދަނީ އާއި ޚަރަދުކުރުމުގެ ސަރވޭ މާލޭގައި ފަށައިފި
މާލޭ ސިޓީ / ފޮޓޯ: މިހާރު
ދިވެހިރާއްޖޭގެ ގޭބިސީތަކުގެ އާމްދަނީ އާއި ޚަރަދު ބެލުމަށްޓަކައި ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ޚާއްޞަ ސަރވޭ، "ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑިޗަރ ސަރވޭ (އެޗް.އައި.އީ.އެސް) 2026" މާލެ ސަރަޙައްދުގައި ފަށައިފިއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ކުރިއަށްގެންދާ މި ސަރވޭ މާލެ ސަރަޙައްދުގައި ކުރިއަށްދާނީ އޮގަސްޓު މަހުގެ 29 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ސަރވޭގެ ޓީމުތަކުން މާލެ ސަރަޙައްދުގެ ގޭބިސީތަކަށް ޒިޔާރަތްކުރަމުންދާނެއެވެ. އަދި މަޢުލޫމާތު އެއްކުރުމަށް ދާ ޓީމުތަކުން ބިއުރޯގެ ރަސްމީ އައިޑީ ކާޑު ބޭނުންކުރާނެ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި ސަރވޭގެ މައިގަނޑު ބޭނުމަކީ ގޭބިސީތަކުގެ އެވްރެޖް ޚަރަދާއި އެކިކަންކަމަށް ޚަރަދުކުރާ މިންވަރު ދެނެގަތުމެވެ. މީގެއިތުރުން، ރާއްޖޭގެ ފަޤީރުކަމުގެ މިންގަނޑު މި ސަރވޭގެ އަލީގައި އެކުލަވާލުމަށާއި، ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާޙުކުރުމަށް މި ސަރވޭއިން ލިބޭ މަޢުލޫމާތު ބޭނުންކުރާނެއެވެ.
މި ސަރވޭގެ ތެރެއިން އެއްކުރުމަށް ހަމަޖެހިފައިވާ މުހިންމު މަޢުލޫމާތުތަކުގެ ތެރޭގައި:
ގޭބިސީގެ އެވްރެޖް އާމްދަނީއާއި ޚަރަދުތައް ބެހިފައިވާގޮތް
ތަޢުލީމީ ފެންވަރާއި، ހިޖުރަކޮށްފައިވާނަމަ އެކަމުގެ މަޢުލޫމާތު
ވަޒީފާއާއި މަސައްކަތުގެ މަޢުލޫމާތު
އާމްދަނީ ނުލިބި އަމިއްލަ ގޭބިސީއާއި ޢާއިލާއަށް ކޮށްދޭ ޚިދުމަތްތަކުގައި ހޭދަކުރާ ވަގުތު
ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި، ދިރިއުޅޭ ތަނުގެ ޙާލަތު
ފޯނު، ކަރަންޓު އަދި ފެން ބިލަށް ހިނގާ ޚަރަދު
ކާބޯތަކެތި، އަންނައުނު، ދަތުރުފަތުރު، ޞިއްޙަތު އަދި ތަޢުލީމަށް ކުރާ ޚަރަދު
ނަގާފައިވާ އެކި ވައްތަރުގެ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކުގެ މަޢުލޫމާތު
ޢާންމުކޮށް ކޮންމެ 5 އަހަރުން ނުވަތަ 6 އަހަރަކުން އެއްފަހަރު ކުރިއަށްގެންދާ މި ސަރވޭ އެންމެ ފަހުން ރާއްޖޭގައި ކުރިއަށްގެންގޮސްފައިވަނީ 2019 ވަނަ އަހަރުއެވެ. އެހެންކަމުން މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ގޭބިސީތަކުގެ ދިރިއުޅުމުގެ ޙާލަތަށާއި ޚަރަދުތަކަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށް ވަރަށް މުހިންމު މަސައްކަތެކެވެ.
މި ސަރވޭގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމުލަ 4,095 ގޭބިސީއަކުން މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މާލެއާއި އެހެނިހެން ސިޓީތަކުން 2,085 ގޭބިސީ އަދި އަތޮޅުތަކުގެ ރަށްރަށުން 2,010 ގޭބިސީ ހިމެނެއެވެ.
މި ސަރވޭގެ މަސައްކަތްތައް މިއަހަރުގެ ކުރީކޮޅު އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ވަނީ ފަށައިގެން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިހާތަނަށް ކ. އަތޮޅު، މ. އަތޮޅު، އައްޑޫ ސިޓީ، ލ. އަތޮޅު އަދި ނ. އަތޮޅުގައި މި ސަރވޭގެ މަސައްކަތްތައް ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.