Ads by Farudhun

ޚަބަރު

ތިލަފުށީ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ 100 އިންސައްތަ މިލްކިއްޔާތެއް: ސައީދު

ތިލަފުށީ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ  100 އިންސައްތަ މިލްކިއްޔާތެއް: ސައީދު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 އޯގަސްޓު 2026، 12:40

31 އޯގަސްޓު 2026، 12:40

ކ. އަތޮޅު ތިލަފުށީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރަކީ ސައްތައިން ސައްތަ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮންނާނެ ތަނެއް ކަމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ބިނާކޮށްދެއްވާނީ ދިވެހި ރައްޔިތުންގެ ފުރިހަމަ މިލްކުވެރިކަން އޮތް، މި ޤައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައެވެ. އަދި މިއީ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު އިޤްތިޞާދީ ކުރިއެރުމެއް ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މާތްﷲ ގެ ވާގިފުޅާއެކު، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ ދައުރުގެ ތެރޭގައި ފަށައި، ފުރިހަމަކޮށް ނިންމާނެ އެންމެ ބިޔަ އަދި ދިވެހި ރައްޔިތުންނަށް އެންމެ ބޮޑު މަންފާއެއް ލިބިގެންދާނެ މަޝްރޫޢަކަށް ތިލަފުށީ ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރުގެ މަޝްރޫޢު ވެގެންދާނެ ކަމަށް ސައީދު ވިދާޅުވިއެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލުތަކެއް އަންނާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން، މި މަޝްރޫޢާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވަމުން، މިފަދަ ބޮޑު ޙަޤީޤަތެއް ޤަބޫލުކުރަން ބައެއް ފަރާތްތަކަށް ދަތިވި ނަމަވެސް، ތިލަފުށީ ބަނދަރާ ގުޅުވައިގެން ރޯ ބުހުތާނު ދޮގު ޚަބަރުތައް ނުފެތުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.

ތިލަފުށީގައި ޤާއިމުކުރެވޭ މި ޒަމާނީ ބައިނަލްއަޤްވާމީ ބަނދަރަކީ ވިޔަފާރި މުދާ އެތެރެކުރުމާއި ބޭރުކުރުމުގެ ކަންކަން މިހާރަށްވުރެ އަވަސް އަދި ހަރުދަނާ ނިޒާމަކުން ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު މަޝްރޫޢެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450