ޚަބަރު
ރައީސްގެ ވަޢުދުފުޅުތައް ފުއްދުމަށް އެންމެ މުހިންމު ވާނީ އަންނަ އަހަރުގެ ބަޖެޓު: މެންބަރު ޝުޖާއު
ބާރަށު ދާއިރާ މެމަބަރު އިބުރާހިމް ޝުޖާއު: ފޮޓޯ އެމްއެމްޓީވީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް ވެވަޑައިގެންނެވި އެންމެހައި ރިޔާސީ ވަޢުދުފުޅުތައް އަކުރުން އަކުރަށް، ރަނުން ރަނަށް ފުއްދަވައިދެއްވުމުގައި އެންމެ މުހިންމު އަދި ޚާއްޞަ ދައުރެއް އަދާކުރާނީ ކުރިއަށް އޮތް އަހަރަށް ކަނޑައަޅާ ދައުލަތުގެ ބަޖެޓު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީ މެދުވެރިކޮށް ގެނެސްދިން "ކޮންގްރެސް ފޯރި" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި، ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަކީ ވަކި ލީޑަރެއްގެ ނުވަތަ ޕާޓީގެ އިސް ސަފުގައި ތިއްބެވި ވަކި ބޭފުޅުންކޮޅެއްގެ ޒާތީ މިލްކެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ޕާޓީގެ އާންމު މެންބަރުންނާއި ރައްޔިތުންގެ ޕާޓީއެއް ކަމަށާއި، ރައީސް މުޢިއްޒު އަބަދުވެސް މަގުފަހިކޮށްދެއްވަނީ އާންމު ރައްޔިތުން އެދޭ އަމާޒަށް ޕާޓީގެ ހިންގުން ބައްޓަންކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕީއެންސީ ކުރިއަށްދަނީ ރާއްޖޭގެ އެހެން ސިޔާސީ ޕާޓީތަކަށް ނަމޫނާ ދައްކަމުން ކަމުގައިވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުން އެދޭ ގޮތަށް، އަޅުގަނޑުމެންގެ ޕާޓީގެ މެންބަރުން އެދޭ ގޮތަށް މި ޕާޓީ އޮޕަރޭޓްވާނެ. އެގޮތް ރައީސް މުޢިއްޒު ތަނަވަސްކޮށްދެނީ. އަޅުގަނޑުމެން ޕާޓީ މި ހިންގަނީ ނަމޫނާ ޕާޓީއެއްގެ ގޮތަށް. ހުރިހާ ސިޔާސީ ޕާޓީތަކަކަށް. މިއީ ޕާޓީގެ ވެރިކަން ކުރަންޖެހޭ ގޮތަކީ،"
ޝުޖާއު ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދީ އަދި މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، ޤައުމު މިހާރު އޮތް ދަތި ދަނޑިވަޅުން އަރައިގަތުމަށްޓަކައި ސަރުކާރުން ބައެއް އުނދަގޫ ނިންމުންތައް ނިންމަން ޖެހިފައިވަނީ މި ވެރިކަމުގެ ސަބަބުން ނޫން ކަމަށެވެ. އެއީ ވޭތުވެދިޔަ ސަރުކާރުތަކުގެ ސިޔާސަތުތަކުގެ ސަބަބުން ޤައުމު ވެއްޓިފައިވާ ފުން އަނދަވަޅުން ސަލާމަތްކުރުމަށްޓަކައި ކޮންމެހެން އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅުތަކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގެ އޮނިގަނޑަށް އަލިއަޅުއްވާލައްވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ވެސް ޕްރޮގްރާމް ބަޖެޓަކަށް ބަދަލުވާން މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ޢަމަލީގޮތުން ތަންފީޒު ކުރައްވަން އެ ބޭފުޅުންނަށް ކެރިވަޑައިނުގެންނެވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ބަޖެޓު އެކުލަވާލާއިރު ރަށްރަށުގެ ބަނދަރު ހެދުން ފަދަ ތަރައްޤީގެ ވަކިވަކި މަޝްރޫޢުތަކަށް ކުދި އަދަދުތައް ޖެހުމުގެ ބަދަލުގައި، ނޭޝަނަލް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޖުމްލަކޮށް އެއްކޮށް ފާސްކުރުމަށްފަހު ސަރުކާރާ ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. މި އުޞޫލުގެ ސަބަބުން، ކޮންމެ ރަށެއްގެ ރައްޔިތުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ އެންމެ މުހިންމު އަދި އަސާސީ ވަޢުދުތައް ފުރިހަމައަށް ނިންމުމަށް އިސްކަންދެވިގެންދާނެ ކަމަށް ޝުޖާއު ބަޔާންކުރެއްވިއެވެ.
"މިއަދު އަޅުގަނޑުމެން ބަޖެޓު ފާސްކުރާއިރަކު ނުޖަހާނެ. ބާރަށުގައި ބަނދަރު ހަދަން ދެ ލައްކަ ރުފިޔާ ނުޖަހާނެ. މިއަދު އަޅުގަނޑުމެން ގަނޑުކޮށް ނޭޝަނަލް ޕީ އެސްއައިޕީ އަޅުގަނޑުމެން ފާސްކޮށްފައި ދައުލަތާ ހަވާލުކުރަނީ. ހަވާލުކުރަނީ އެ ރަށެއްގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން އެންމެ އިސްކަން ދޭންޖެހޭ ކަންތައް އެ މަނިކުފާނު އެ ރަށަކަށް ނިންމަން، ފުލްކޮށް ނިންމަން."
ޝުޖާއު ވިދާޅުވިއެވެ.
މީގެއިތުރުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޝުޖާއު ވިދާޅުވީ، 2018 ވަނަ އަހަރު އެ ޕާޓީއަށް ވެރިކަން ލިބުމުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި ދައުލަތުގެ މުހިންމު ހަރުމުދާތައް ވިއްކައި، ދައުލަތުގެ ޚަޒާނާ ހުސްކޮށްލި ކަމަށެވެ. އަދި އެމްޑީޕީގައި ޤައުމު ހިންގުމުގެ ޤާބިލުކަމާއި ވިސްނުން ނެތް ކަމަށާއި، 2028 ވަނަ އަހަރު ރައްޔިތުން އެ ޕާޓީއަށް އަލުން ފުރުޞަތެއް ދީފިނަމަ، އަނެއްކާވެސް މުޅި ޤައުމު ވިއްކާލާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ ވިސްނުންފުޅަށް ތަޢުރީފު ކުރައްވަމުން ޝުޖާއު ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަކީ އަބަދުވެސް ރައްޔިތުން ނިންމާ ނިންމުންތަކަށް ފުރިހަމައަށް އިހުތިރާމް ކުރައްވާ ވެރިއެއް ކަމަށެވެ. އެގޮތުން، އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާއަށް ފަހު ވެސް، އެންމެ ފުރަތަމަ އިސްނަންގަވައިގެން ރައްޔިތުންގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، އެ ނަތީޖާ ޤަބޫލުފުޅު ކުރެއްވީ ޚުދު ރައީސް މުޢިއްޒު ކަމުގައި ޝުޖާއު ފާހަގަކުރެއްވިއެވެ.