ޚަބަރު
ކަނޑުދަތުރުފަތުރުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖުކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ކުދި ޖަޒީރާ ޤައުމުތަކުގައި ކުންޏާއި ކެމިކަލް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ކުރިއަށްގެންދާ "އައިލެންޑްސް" (ISLANDS) މަޝްރޫޢުގެ ތެރެއިން، ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ދާއިރާއިން އުފެދޭ ކުނި މެނޭޖުކުރުމާ ބެހޭގޮތުން ޚާއްޞަ ފޯކަސް ގްރޫޕް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ގުޅުންހުރި މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިން ބައިވެރިވި މި މަޝްވަރާ ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ، ކަނޑުދަތުރުފަތުރުގެ ތެރޭގައި ކުނި މެނޭޖުކުރުމުގައި ކުރިމަތިވާ މައިގަނޑު ދަތިތައް ދެނެގަނެ، އެކަންކަމަށް އަމަލީ ހައްލުތަކެއް ހޯދުމަށް ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރުން ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
As part of the Implementing Sustainable Low and Non-Chemical Development in SIDS (ISLANDS) Project, a Focus Group Discussion on Waste Management for the Shipping Industry was held with representatives from relevant agencies.
— Min. of Climate Change, Environment and Energy, MV (@MoEnvmv) August 30, 2026
The discussion provided a platform to identify key… pic.twitter.com/v0HroDwcdq
މި ބައްދަލުވުމަކީ މި ދާއިރާގެ ހުރިހާ ބައިވެރިން އެއްތަންވެ، ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކޮށް، ރޭވުންތެރި ނިޒާމެއްގެ ތެރެއިން މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ލިބިގެންދިޔަ އަގުހުރި ފުރުޞަތެއްގެ ގޮތުގައި އެ ވުޒާޜާއިން ވަނީ ސިފަކުރައްވާފައެވެ.
"އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް" (އައިލެންޑްސް) ޕްރޮޖެކްޓަކީ ރާއްޖޭގެ ވެށި ޙިމާޔަތްކުރުމަށާއި، ނުރައްކާތެރި ކެމިކަލްތަކާއި ކުނި އެކަށީގެންވާ ގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ މަޤްޞަދުގައި ހިންގޭ މުހިންމު މަޝްރޫޢެކެވެ.