Ads by Farudhun

ޚަބަރު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44 އިންސައްތަ އިތުރުވެ، 17 މިލިއަން ރުފިޔާއަށް އަރައިފި

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44 އިންސައްތަ އިތުރުވެ، 17 މިލިއަން ރުފިޔާއަށް އަރައިފި

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ 44 އިންސައްތަ އިތުރުވެ، 17 މިލިއަން ރުފިޔާއަށް - ފޮޓޯ: އެމްއެމްޓީވީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

31 އޯގަސްޓު 2026، 11:24

31 އޯގަސްޓު 2026، 11:24

މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ލިބުނު ފައިސާގެ އަދަދު 44.2 އިންސައްތަ އިތުރުވެ، 17.37 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ޒަކާތު ފަންޑަށް ލިބިފައިވަނީ 12,040,524.09 (ބާރަ މިލިއަން ސާޅީސް ހާސް ފައްސަތޭކަ ސައުވީސް ރުފިޔާ ނުވަ ލާރި) އެވެ. ނަމަވެސް، މިއަހަރުގެ ޖުލައި މަހު މި އަދަދު ވަނީ 17,366,787.29 (ސަތާރަ މިލިއަން ތިން ލައްކަ ފަސްދޮޅަސް ހަ ހާސް ހަތްސަތޭކަ އައްޑިހަ ހަތް ރުފިޔާ ނަވާރަ ލާރި) އަށް އުފުލިފައެވެ. މިއީ ވޭތުވެދިޔަ އަހަރަށްވުރެ ގާތްގަނޑަކަށް 5.33 މިލިއަން ރުފިޔާގެ ބޮޑު ކުރިއެރުމެކެވެ.

ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ޒަކާތުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާއިރު، ޖުލައި މަހުގެ ތެރޭގައި އެކި ބޭނުންތަކަށް ޒަކާތު ފަންޑުން ވަނީ 2.80 މިލިއަން ރުފިޔާ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ބަޔަށެވެ. އެގޮތުން އެ ބަޔަށް 1.75 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 1.48 މިލިއަން ރުފިޔާ ދޫކޮށްފައިވަނީ ބޭސްފަރުވާގެ އެހީގެ ގޮތުގައެވެ. މީގެ އިތުރުން ޒަރޫރީ އެކި ބޭނުންތަކަށް 115,250 ރުފިޔާ އަދި ބޯހިޔާވަހިކަމުގެ އަސާސީ ބޭނުންތަކަށް 155,950 ރުފިޔާ ވަނީ އެހީގެ ގޮތުގައި ހަމަޖައްސައިދީފައެވެ.

ރާއްޖޭގައި މުދަލު ޒަކާތުގެ ނިޞާބު ކަނޑައަޅަނީ ރިހީގެ އަގަށް ބިނާކޮށެވެ. މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ބާޒާރުގައި ރަނާއި ރިހީގެ އަގު ހާމަކުރަމުންދާއިރު، ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ޒަކާތުގެ ނިޞާބަށްވެސް ބަދަލު އާދެއެވެ. އެގޮތުން މި ހިނގާ މަހުގެ 20 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ހަމަޖައްސާފައިވަނީ 19،266.10 ރުފިޔާއެވެ.

އިސްލާމްދީނުގެ މުހިންމު ރުކުނެއް ކަމަށްވާ މުދަލު ޒަކާތަކީ، ތިމާގެ މިލްކިއްޔާތުގައި ނިޞާބު ހަމަވާ މިންވަރަށް ފައިސާ ހުރެ، އެ ފައިސާ ހުންނަތާ ހިޖުރީ ގޮތުން އެއް އަހަރު ފުރިހަމަވުމުން، ޝަރުޢީ ހަމަތަކުގެ މަތިން އޭގެ 2.5 އިންސައްތަ (ސާޅީސްބައިކުޅަ އެއްބައި) ނެރުން ވާޖިބުވާ އަޅުކަމެކެވެ.

ދިވެހިރާއްޖޭގައި ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ "މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި ޚާއްޞަ އިދާރާއެއް އުފައްދަވާފައެވެ. އަދި ޒަކާތާ ގުޅޭގޮތުން އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަންނަނީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450