ޚަބަރު
މުލަކު މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ މެޝިނަރީ އެ ރަށަށް ގެންގޮސްފި
މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އާރްޑީސީ
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން، މ. މުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒާއި ވެހިކަލްތައް އެ ރަށަށް ގެންގޮސް، މިހާރު އަންލޯޑްކޮށްފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ވިދާޅުވެއްޖެއެވެ.
މުލަކަށް ފޮނުވުނު ތާރު މެޝިނާއި އެހެނިހެން ވަސީލަތްތަކަކީ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން (އައިޑީއެސް) އާއި އާރްޑީސީއާ ދެމެދު ވެވުނު ފަހުމުނާމާގެ ދަށުން ގެންދެވުނު ތަކެއްޗެވެ. މިއީ ޗައިނާގެ އެކްސް.ސީ.އެމް.ޖީ ކުންފުންޏާއެކު އައިޑީއެސްއިން ޤާއިމުކުރި ސްޓްރެޓީޖިކް ބިޒްނަސް ކޯޕަރޭޝަން އެގްރީމަންޓުގެ ދަށުން، އާރްޑީސީން ހިންގާ މަޝްރޫޢުތައް އަވަސްކުރުމަށް އެ ކުންފުނީގެ ފްލީޓަށް އިތުރުކުރި 230 މެޝިނަރީޒްގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.
މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށް އާރްޑީސީއިން ވިދާޅުވެއެވެ. އެގޮތުން ދުވާރުގެ މަސައްކަތުގެ 70 އިންސައްތަ އާއި، ކާރބް ސްޓޯން ޖެހުމުގެ 84 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ސެޓްލްމަންޓް ޓޭންކް ބަހައްޓައި ހޮޅި އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މަގުބައްތި ޖެހުމުގެ 84 އިންސައްތަ މަސައްކަތް ވެސް ވަނީ ފުރިހަމަކޮށްފައެވެ.
މީގެއިތުރުން، ބަދަލު ގެނައުމަށް މަޝްވަރާ ކުރަމުންދާ އަމީނީ މަގާއި އިރުދޭ މަގު އަދި ބަހާރީ މަގު ފިޔަވައި، އެހެން ހުރިހާ މަގުތަކެއްގެ ކޭބަލް ޖަންކްޝަނާއި ހޮޅި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަމީނީ މަގާއި ހުސޭނީ މަގަށް ބަދަލުތަކެއް ގެންނަން ރައްޔިތުންނާއި ކައުންސިލުން ބޭނުންވާތީ، އެކަމާ ގުޅޭ މަޝްވަރާތައް ކަމާބެހޭ ފަރާތްތަކާއެކު މިހާރު ދަނީ ކުރެވެމުން ކަމަށް އާރްޑީސީއިން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަމީނީ މަގާއި ހުސޭނީ މަގަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު ތާރު އެޅުމަށް މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ. އަދި ޗަކަވާ މައްސަލަ ހައްލުކުރުމަށް ޓަކައި އިރުދޭ މަގާއި ބަހާރީ މަގަށް ވެލިއަޅައި، ކޮމްޕެކްޓްކޮށް، ދުވާރުގެ މަސައްކަތް ނިންމައި ތާރު އެޅުމަށް ތައްޔާރުކުރެވޭނެއެވެ.
މީގެއިތުރުން ސްޓޯމް ވޯޓަރ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ކުރިއަށްދާއިރު، ތާރު އެޅުމަށް ބޭނުންވާ މެޓީރިއަލް އެ ރަށަށް ފޮނުވުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރެވެމުން ކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.