ޚަބަރު
ވެއްޓުނު ކުއްޖާގެ ވީޑިއޯ ދައުރުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި
ފުލުހުންގެ ހެޑްކުއަރޓާސް. ފޮޓޯ: ސަން
ކުޑަ ކުއްޖަކު އިމާރާތަކުން ވެއްޓިފައިވާ ހިތްދަތި މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ، އެ ވީޑިއޯ އިތުރަށް ދައުރުނުކުރުމަށާއި، ސޯޝަލް މީޑިއާގެ އެކައުންޓްތަކާއި ޕޭޖުތަކުންނާއި ގްރޫޕުތަކުން އެ ވީޑިއޯ ނެގުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިފަދަ ވީޑިއޯތައް ދައުރުކުރުމަކީ އެ ކުއްޖާގެ ޒާތީ މިނިވަންކަމާއި ކަރާމާތަށް އަރައިގަނެވި، އާއިލާއަށް އިތުރު ހިތާމައާއި ނުތަނަވަސްކަން ލިބިގެންދާނެ ކަމެއް ކަމަށެވެ. އަދި މި މަންޒަރުތައް ބަލާ ކުޑަކުދިންނަށާއި ނާޒުކު ހާލަތްތަކުގައިވާ އެހެން ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށްވެސް މީގެ ސަބަބުން ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ފުލުހުން ފާހަގަކުރެއެވެ.
އެހެންކަމުން، މި ވީޑިއޯ ޑައުންލޯޑް ނުކުރުމަށާއި، ރީޕޯސްޓް ނުކުރުމަށާއި، މި ހާދިސާއާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުފެތުރުމަށް ފުލުހުން ވަނީ އެދިފައެވެ. މީގެއިތުރުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މި ވީޑިއޯ ނެގުމަށް ރިޕޯޓްކުރުމަށާއި، އެހެން ފަރާތްތަކުންވެސް މި ވީޑިއޯ ފޮހެލުމަށް ބާރުއެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އަޅަމުންނެވެ.