ޚަބަރު
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ނިޔާވެއްޖެ
ހުޅުމާލޭގައި ހިނގި އެކްސިޑެންޓް
ހުޅުމާލެ ފޭސް 2 ގެ ވިނަރެސް 7 ކައިރީގައި، 29 އޮގަސްޓުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި 9 އަހަރުގެ ކުއްޖާ ރޭ ފަތިހުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓުގައި ނިޔާވެފައި ވަނީ މ. ލެމަންޓްރީ 1، ޒީވާ ސިނާން އަޙްމަދެވެ. އެކްސިޑެންޓުވެ، ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އެ ކުއްޖާއަށް ފަރުވާދެމުން އައީ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ ހިތިގަސްމަގުން ދުއްވާފައި ދިޔަ ސައިކަލެއް، ވިނަރެސް 7 ގެ ކައިރީގައި މަޑުކޮށްފައި އޮތް ކާރަކަށް އަރަން މަގާވީ ފަޅިން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ޖެހިގެން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ދިވެހި އަންހެނެކެވެ.
ފުލުހުން ވަނީ މި އެކްސިޑެންޓާއި ގުޅިގެން 30 އޮގަސްޓުގައި ދެ ކާރެއް ޓޯކޮށްފައެވެ.
ޒިވާގެ ޖަނާޒާ އޮންނާނީ މަސްޖިދު ޒައިދު ބިން ޘާބިތް (ސަހަރާ މިސްކިތް) ހުޅުމާލޭގައި، މިއަދުގެ މެންދުރު ނަމާދަށްފަހުއެވެ.