ޚަބަރު
ތެލުގެ ސަބްސިޑީ ހޯދުމަށް 'ފަހިހަކަތަ' ޕޯޓަލްގައި ރަޖިސްޓްރީވާން މަސްދޯނިފަހަރަށް އަންގައިފި
މަސްވެރިން މަސްކިރުވަނީ - ފޮޓޯ: އެމްއެމްޓީވީ
މަސްވެރި އުޅަނދުފަހަރަށް ދޫކުރާ ތެލުގެ ސަބްސިޑީ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ކުރިއަށް އޮތް ތަނުގައި އެ ސަބްސިޑީއަށް އެދުމާއި ދޫކުރުމުގެ އެންމެހައި ކަންކަން "ފަހިހަކަތަ" ޕޯޓަލް މެދުވެރިކޮށް ހަމަޖައްސަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ވިދާޅުވީ، ޑިއުޓީ އުނިކޮށްފައިވާ ތެޔޮ މަސްވެރި އުޅަނދުފަހަރަށް ދޫކުރުމަށް މިހާރު ވެސް ބޭނުންކުރަމުން އަންނަ "ފަހިހަކަތަ" ޕޯޓަލް، ތެލުގެ ސަބްސިޑީ ހޯދުމަށް ލާޒިމްކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ މަސްވެރިންނަށް ސަބްސިޑީ ފޯރުކޮށްދިނުމުގައި ދެފުށް ފެންނަ، ހަރުދަނާ އުސޫލެއް ޤާއިމުކުރުން ކަމަށް އެ ވުޒާރާއިން ފާހަގަކުރައްވައެވެ.
އެހެންކަމުން، މި ޕޯޓަލްގައި މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ އަދި ކަނޑުމަހުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އެންމެހައި އުޅަނދުފަހަރުތަކުން މި ހިނގާ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތަކާއި ޢިނާޔަތްތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ވީހާވެސް ފަސޭހަކަމާއެކު، އަވަހަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން މި ގެނެވޭ ބަދަލާއެކު، ސަބްސިޑީގެ ކަންކަން ކުރިއަށްވުރެ ހަރުދަނާވެ، ޙައްޤުވެރި ހުރިހާ މަސްވެރި އުޅަނދުފަހަރަށް އެ ފުރުޞަތު ފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.