ޚަބަރު
ގުޅިފަޅުގައި 4000 ހައުސިން ޔުނިޓްގެ މަޝްރޫޢުއެއް މިއަހަރު ފަށަނީ
ގުޅިފަޅު. ފޮޓޯ: ވަޒީރު މުއްޠަލިބް
ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫޢުއެއް މިއަހަރު ފެށުމަށް ތައްޔާރުވަމުންދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މި މަޝްރޫޢަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫޢެއް ކަމަށެވެ. އަދި މި މަޝްރޫޢަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމުގެ މަސައްކަތް އެގްޒިމް ބޭންކާއެކު މިހާރު ކުރިއަށްދާ ކަމަށާއި، މަސައްކަތް ޢަމަލީގޮތުން މިއަހަރު ފެށުމަށްޓަކާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަޙައްދުގައި މިވަގުތު ބީއެމްއެލްއާ ހަވާލުކޮށްގެން 3460 ހައުސިން ޔުނިޓްގެ މަސައްކަތް ކުރިއަށްދާއިރު، ސައިޓުގައި ޢަމަލީ މަސައްކަތަށް ދިއުމުގެ ކުރިން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ވަރަށް ގިނަ ކަންކަން ހުންނަކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން ޑިޒައިން އެޕްރޫވްކުރުމާއި، ސައިޓް ހޭންޑްއޯވަރ ކުރުމާއި، ޤާނޫނީ އަދި ފަންނީ މަރުޙަލާތައް ހިމެނޭ ކަމަށް ވިދާޅުވިއެވެ. މިހާރު ހުޅުމާލެ ފޭސް 1 ގައި އަޅާ ފްލެޓްތަކުގެ ޓަވަރުތަކުގެ ޢަމަލީ މަސައްކަތް ފެށިފައިވާއިރު، ފޭސް 2 ގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް، ޢަމަލީ މަސައްކަތް ފެށުމުގެ މަރުޙަލާގައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"މަސައްކަތް ދާތަން ނުފެނެއޭ ބައެއް މީހުން ބުނޭ. އެކަމަކު އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އެބަ އޭގެ ކުރިން ކުރިއަށްދޭ. ޑިޒައިން އެޕްރޫވްކުރުން، ސައިޓް ހޭންޑްއޯވަރ، ޤަނޫނާއި ގަވާއިދުތަކުގެ މަރުޚަލާތައް ފުރިހަމަކުރުން އަދި ހުއްދަތައް ހޯދުމާއި ފަންނީ މަރުޚަލާތައް ހިމެނޭ،" ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހަށް ޔުނިޓްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރުމަކީ އަމާޒު ކަމަށާއި، މިދައުރުގެ ތެރޭގައި އެކަން ޙާޞިލްވާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ. މީގެއިތުރުން އިތުރު 5000 ހައުސިން ޔުނިޓްގެ މަޝްރޫޢެއް ޕްލޭން ކުރެވިގެން ކުރިއަށްދާއިރު، ޖުމްލަ 13،000 ހައުސިން ޔުނިޓްގެ މަސައްކަތް މާލެ ސަރަޙައްދަށް އަމާޒުކޮށްގެން ދަނީ ކުރިއަށެވެ. ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސަރަޙައްދުން ފްލެޓާއި ގޯއްޗަށް 50،000 އަށްވުރެ ގިނަ މީހުން ވަނީ ކުރިމަތިލާފައެވެ.