ޚަބަރު
މ. އަދި ލ. ފިޔަވައި އެހެން ހުރިހާ އަތޮޅަކުން އެސްޓީއޯ ރޭޓުގައި މަސްވެރިންނަށް ތެޔޮ ލިބޭނެ: ވަޒީރު
ވަޒީރު އަޙްމަދު ޝިޔާމް. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ދެ އަތޮޅެއް ކަމަށްވާ މ. އަތޮޅާއި ލ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކުން މަސްވެރިންނަށް އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މެދުއިރުމަތީގެ ނުތަނަވަސްކަމާ ގުޅިގެން ތެލުގެ އަގު އުފުލި، މަސްވެރި އުޅަނދުފަހަރުގެ ހޭދަ ބޮޑުވެ ނުފުރިފައި ތިބެންޖެހުނު މައްސަލައަށް ސަރުކާރުން އަވަސް ހައްލެއް ހޯއްދަވައިދެއްވާފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މަސްވެރިންނަށް ހެޔޮއަގުގައި ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ވިދާޅުވިއެވެ.
"މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއް ކަހަލަ ގޮތަކަށް އެސްޓީއޯ ރޭޓުން އަޅުގަނޑުމެންނަށް ތެޔޮ ދޫކުރެވޭ. މިހެން ދެންނެވިޔަސް މ. އަދި ލ. އަތޮޅުގައި އަޅުގަނޑުމެންނަށް އެބަހުރި ގޮންޖެހުން. އެސްޓީއޯގެ ޝެޑް މިދެންނެވި ދެ އަތޮޅުގައި ގާއިމުކުރުމަށްޓަކައި އަދިވެސް ކުޑަކުޑަ ވަގުތުކޮޅެއް ނަގާތީއާ އެކީގައި،" މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
އަދި ބޮޑުކަންނެލީގެ މަސްވެރިންނަށް ވެސް ހެޔޮއަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިފްކޯއިން އެސްޓީއޯއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، އެފްއެސްއެމްގެ ފިއުލް ޝެޑްތައް ގާއިމުކޮށްފައިވާ މިފްކޯގެ ސެންޓަރުތައް ކަމަށްވާ ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިން މަސްކިރުވާ ދޯނިފަހަރަށް ކްރެޑިޓަށް ތެޔޮ ދޫކުރަން ވަނީ ފަށާފައެވެ. މި އުސޫލުގެ ދަށުން މަސްކިރުވުމުން ލިބޭ ބިލު ދެއްކުމުން ތެޔޮ އެޅޭނެ ކަމަށާއި، ތެލަށްވާ ފައިސާ ކަނޑާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޫކުރާ ޕޭމަންޓުގެ ތެރެއިންނެވެ.
މިފްކޯ މެދުވެރިކޮށް ކްރެޑިޓަށް ތެޔޮ ދޫކުރުމުގައި އުޅަނދުފަހަރުގެ ސައިޒަށް ބަލައި ކޯޓާއެއް ކަނޑައަޅާފައިވެއެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާ ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ގެ ތެޔޮ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އިންތިޒާމުތަކުގެ ސަބަބުން މަސްވެރިކަމުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަވެގެންދާނެއެވެ.