ޚަބަރު
މަސް ކިލޯއެއްގެ އަގު 20 ރުފިޔާ އަށް ވުރެ ދަށް ނުވާނެ ކަމުގެ ޔަގީންކަން އަނެއްކާވެސް ސަރުކާރުން ދީފި
ކަޅުބިލަމަސް
މި ސަރުކާރުގެ ވައުދާ އެއްގޮތަށް މަސް ކިލޯއެއް ގަންނަ އަގު ދެން 20 ރުފިޔާއަށްވުރެ ދަށް ނުވާނެކަމުގެ ޔަގީންކަން ސަރުކާރުން އަނެއްކާވެސް ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުންނަ މިންވަރަށާއި މަސް ބޭރުކުރުމުގެ ހަރަދުތަކަށް ބަލައިގެން ކޮންމެ ހަފުތާއަކު އަގު މުރާޖައާ ކުރަމުން އައި ނަމަވެސް، ދެން މަސްކިލޯއެއް ގަންނަ އަގު 20 ރުފިޔާ އަށް ވުރެ ދަށަށް ނުދާނެ ކަމަށެވެ.
"ޑިސެމްބަރު މަހު ރައީސް ވިދާޅުވީ 16ރުފިޔާ އަށް ވުރެ ދަށް ނުވާނެ ގޮތަށް މަހުގެ އަގު ހިފަހައްޓަވާނެ ކަމަށް. އޭގެ ފަހުން އަޅުގަނޑުމެންނަށް މި 20 ރުފިޔާ އަށް ކަނޑައެޅުނީ ރައީސްގެ ވައުދުފުޅާ އެއްގޮތަށް، މިހާރު ރައީސްގެ ވައުދުފުޅާ އެއްގޮތަށް، ޔަގީނުން ވެސް 20ރ. އަށް ވުރެ ދަށް ނުވާނެ އަގެއްގައި މަސް ގަންނަމުން އެދަނީ،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
މަސް ގަންނަ އެންމެ ކުޑަ އަގު 20 ރުފިޔާ އަށް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. މ. ދިއްގަރަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ މުހާތަބުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، މަސްގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް ވީ ވައުދު ފުއްދާނީ ހަމައެކަނި ނަމަކަށް ނޫން ކަމަށެވެ.
އަދި މި ސިޔާސަތު ތަންފީޒުކުރަން ފަށާނީ ތަރުތީބު ކުރަން ޖެހޭ ކަންކަން ތަރުތީބުކޮށް، މެދުނުކެނޑި މިކަން ކުރިއަށްދާނެ ކަން ޔަގީންކުރުމަށް ފަހު ކަމަށްވެސް ރައީސް އޭރު ވަނީ ވިދާޅުވެފައެވެ. މަސްވެރިންނަށް އެކަށީގެންވާ އަގެއް ހޯދައިދިނުމުގެ ގޮތުން ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް މިހާރު މަސްކިލޯއެއް ގަންނަ އަގު ވަނީ 20 ރުފިޔާއަށް ކަނޑައަޅާފައެވެ.