ޚަބަރު
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް: ފަސްޓް ލޭޑީ
އިސްރަށްވެހިންގެ ނާދީ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ އިންސާނެއްގެ ޙަޔާތުގައި ލިބޭނެ ވަރަށް ޚާއްޞަ އަދި އެހާމެ ބާއްޖަވެރި އިޙްސާސެއް ކަމަށާއި، އެއީ ކޮންމެ ޢާއިލާއަކަށްވެސް އަގުނުކުރެވޭނެ ފަދަ ބޮޑު ނިޢުމަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފަސްޓް ލޭޑީ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މާމަ ކާފަ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ. އެކަމަނާ ވަނީ ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް ފުރިހަމަ ޞިއްޙަތާއި އުފާފާގަތިކަމަށް އެދިވަޑައިގެން، މި އުފާވެރި ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.
ރާއްޖޭގައި މާމަ ކާފަ ދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުން ފެށިގެންނެވެ. ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަސް މާމަ ކާފަ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނައިރު، މިއީ މުޖުތަމަޢުގައި ތިބި އުމުރުން ދުވަސްވީ އާބާދީއަށް އަޅުގަނޑުމެން އަދާކޮށްދޭންޖެހޭ ޒިންމާތަކުގެ މަތިން ހަނދާން އައުކޮށްދޭ މުހިންމު ދުވަހެކެވެ. މިއީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ ބޮލުގައިވެސް އެޅިފައިވާ ޤައުމީ އަދި ދީނީ ޒިންމާއެކެވެ.
މާމައަކަށް ނުވަތަ ކާފައަކަށް ވުމަކީ ޙަޔާތުގެ ވަރަށް ޚާއްޞަ އަދި ބާއްޖަވެރި އިޙްސާސެއް. ކޮންމެ ޢާއިލާއަކަށް އަގުނުކުރެވޭނެ ބޮޑު ނިޢުމަތެއް. ފުރިހަމަ ޞިއްޙަތާއި އުފާފާގަތިކަން ދިވެހި ކޮންމެ މާމައަކާއި ކާފައަކަށް އެދެމުން، މި އުފާވެރި ދުވަހުގެ މަރްޙަބާއާއި ތަހުނިޔާ ދަންނަވަން. pic.twitter.com/sRFaHFvZWF
— First Lady Sajidha Mohamed (@sajidhaamohamed) September 1, 2026
މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން ޢާއިލާއާއި މުޖުތަމަޢުގައި އިތުރުކުރުމެވެ. އަދި އެފަރާތްތަކަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް އެންމެހައި ފަރާތްތަކަށް ހަނދާންކޮށްދިނުމެވެ.
ހަމައެއާއެކު، އެއްވެސް އުނިކަމެއް ނެތި، ދަރިން ބަލާބޮޑުކުރުމުގައި މައިންބަފައިންނާއި މާމައިންނާއި ކާފައިން އުފުލި ބުރަ މަސައްކަތުގެ އަގުވަޒަންކޮށް، އެމީހުންގެ ޚިދުމަތްތައް ބަލައިގަތުމާއި، ދުވަސްވީ މައިންބަފައިންނަށްޓަކައި ދަރިން އަދާކުރަންޖެހޭ ވާޖިބުތަކުގެ ހަނދާން އައުކުރުމަކީ ވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެކެވެ.