ވިޔަފާރި / ޚަބަރު

މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މާލީ ކަންކަމާ ބެހޭ ވުޒާރާ---

farudhun logo

ފަރުދުން

01 ސެޕްޓެމްބަރު 2026، 09:13

01 ސެޕްޓެމްބަރު 2026، 09:13

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ %6.9 އިތުރުވެފައިވާ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން 27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.92 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.

އެގޮތުން، 27 އޮގަސްޓް 2026 ގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %12.1 ނުވަތަ 239.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު 7.20 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %4.4 އިތުރު އަދަދެކެވެ.

ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %9.2 އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ: %19.7 އިތުރުވެ، 5.55 ބިލިއަން ރުފިޔާ
  • ކޯޕަރޭޓް އިންކަމް ޓެކްސް: %6.1 އިތުރުވެ، 2.87 ބިލިއަން ރުފިޔާ
  • އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ): 3.56 ބިލިއަން ރުފިޔާ
  • އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކްސް: %8.2 އިތުރުވެ، 1.26 ބިލިއަން ރުފިޔާ


ޓެކްސް ނޫން އާމްދަނީގެ ތެރެއިން މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް %32.0 ގެ ކުރިއެރުމެއް ލިބި، އެ އަދަދު ވަނީ 1.68 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. ހަމައެއާއެކު، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ %88.0 އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް އުފުލިފައެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ދައުލަތުގެ ޚަރަދުތައްވެސް ވަނީ މިދިޔަ އަހަރަށްވުރެ އިތުރުވެފައެވެ. 27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު 29.96 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަވި 25.50 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %17.5 އިތުރު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ޚަރަދުގެ ގޮތުގައި 26.14 ބިލިއަން ރުފިޔާ ހޭދަވެފައިވާއިރު، ކެޕިޓަލް ޚަރަދުގެ ގޮތުގައި ހޭދަވީ 3.82 ބިލިއަން ރުފިޔާއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފާއިތުވެދިޔަ ހަފުތާގެ ތެރޭގައި ޚަރަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ މުވައްޒަފުންގެ މުސާރައާއި އުޖޫރައަށެވެ. އެގޮތުން މުސާރައާއި އުޖޫރައަށް ކުރި ހޭދަ 4.75 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ހޭދަވި 4.21 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %12.7 (533.0 މިލިއަން ރުފިޔާ) ގެ އިތުރުވުމެކެވެ. މީގެއިތުރުން، ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ ވަނީ %44.6 އިތުރުވެ 1.24 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ހޭދަކުރި 857.7 މިލިއަން ރުފިޔާއަށްވުރެ 382.3 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450