ޚަބަރު
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފަ
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރ. ފޮޓޯ: ވުޒާރާ
ބޮޑެތި ގަސްތަކަށް ބޭސްޖެހުމަށް ބޭނުންކުރާ ސްޕްރޭޔަރ ހުރިހާ އަތޮޅަކަށް ފޯރުކޮށްދީފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ ދަނޑުވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ ގޮތުން އެހީތެރިކަމާއި އެއްބާރުލުންދިނުމުގެ ގޮތުން އެ ވުޒާރާއިން ވަނީ ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެމްއޯޔޫ އެއްގައި ސޮއިކުރައްވާފައެވެ. އެ އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ޙަވާލުކޮށްދީފައެވެ. މި އެހީގެ ދަށުން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި 25 ސްޕްރޭޔަރު ހިމެނޭ ކަމަށް ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރަށްރަށުގެ އާންމު ސަރަޙައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ވުޒާރާގައި އެދެމުންދާ މިންވަރު ކޮންމެ އަހަރަކު ވެސް އިތުރުވަމުންދާ ކަމަށާއި، މިކަމުގެ ޒިންމާ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ޙަވާލުވެފައިވަނީ ރަށު ކައުންސިލުތަކާއިކަން ވުޒާރާއިން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ޤާބިލުކަން އިތުރު ކުރުމަށް، ރަށްރަށުގައި މިވަޞީލަތްތައް ޤާއިމުވެފައި ހުރުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވާ ވުޒާރާއިން ވަނީ ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހުރިހާ އަތޮޅަކާއި (20 އިދާރީ އަތޮޅު) ހަވާލުކުރެވިފައި ކަމަށް ވިދާޅުވެފައެވެ.
ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކޮށްފައިވާ އަތޮޅުތަކާއި ރަށްތައް:
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި(ސިޓީކައުންސިލް)
- ށ. ފުނަދޫ
- ނ. މަނަދޫ
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- ކ. ތުލުސްދޫ
- އއ. ރަސްދޫ
- އދ. މަހިނބަދޫ
- ވ. ފެލިދޫ
- މ. މުލި
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ވޭމަންޑު
- ލ. ފޮނަދޫ
- ގއ. ވިލިނގިލި
- ގދ. ތިނަދޫ (ސިޓީ ކައުންސިލް)
- ޏ. ފުވައްމުލަކު (ސިޓީ ކައުންސިލް)
- ސ. ހިތަދޫ (ސިޓީ ކައުންސިލް)
މި ޕްރޮގްރާމުގެ ދަށުން ހަވާލުކުރާ ސްޕްރޭޔަރު، އެ ސިޓީ ނުވަތަ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ޕެސްޓް ކޮންޓްރޯލްކުރަން ބޭނުންވެއްޖެ ހާލަތެއްގައި އެ ރަށަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސިޓީ ކައުންސިލް ނުވަތަ އަތޮޅު އޮފީހުގެ ޒިންމާއެއް ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ އަދި އެ ރަށްތަކުގެ ކައުންސިލްތަކާ އެ މައުލޫމާތު ހިއްސާކުރުމާއި، ސްޕްރޭޔަރު ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުމަކީ ވެސް އެ ފަރާތްތަކުގެ ޒިންމާއެއްކަން ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.