ޚަބަރު
އެސްޓީއޯ ދެކުނު ފޯރި ވަރަށް ކުލަގަދަކޮށް މިއަހަރު ވެސް ބާއްވައިފި
އެސްޓީއޯ ދެކުނު ފޯރި ހަރަކާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ
އެސްޓީއޯ ދެކުނު ފޯރި ހަރަކާތް ވަރަށް ކުލަގަދަކޮށް މި އަހަރު ވެސް ބާއްވައިފިއެވެ.
އެސްޓީއޯ ދެކުނު ފޯރިއަކީ، ރާއްޖޭގެ ދެކުނުގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ހަރަކާތެކެވެ. 6 ދުވަހުގެ މުއްދަތަކަށް ކުރިއަށް ދިޔަ މި އިވެންޓު މި އަހަރު ބާއްވާފައި ވަނީ، އައްޑޫ ސިޓީގެ ހިތަދޫގައެވެ. މި އިވެންޓުގައި ރެކްރިއޭޝަނަލް ހަރަކާތްތަކުގެ ތެރެއިން މުބާރާތްތަކާއި، ސްޓާފުންނަށް ޓްރެއިނިންގްދިނުމުގެ ހަރަކާތެއް ވެސް ވަނީ ހިންގާފައި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. ދެކުނު ފޯރީގައި މި އަހަރު ބައިވެރިވެފައި ވަނީ، ލ. ފޮނަދޫ، ފުވައްމުލަށް ސިޓީ، ތިނަދޫ ސިޓީ، އަދި އައްޑޫ ސިޓީގެ މުވައްޒަފުން ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވެއެވެ.
ރެކްރިއޭޝަނަލް ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ 5 ޓީމެއްގެ މައްޗަށް ބަހާލައިގެން ޕޮއިންޓް ދީގެން އެންމެ މޮޅު ޓީމް ހޮވާ ގޮތަށް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ. އެގޮތުން ވޮލީބޯޅަ، ޗެސް، ބެޑްމިންޓަން ،ޓީޓީ އަދި ކެރަމް މުބާރާތްތައް ވެސް ބާއްވާފައިވާ ކަމަށާއި، މި މުބާރާތްތަކުން 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ވެސް ވަނީ ހޮވާފައި ކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.
ދެކުނު ފޯރީގައި ބައިވެރިވި މުވައްޒަފުންނަށް ހާއްސަކޮށްގެން ހިންގުނު ޓްރެއިނިންތަކުގެ ތެރޭގައި، ފަސްޓް އެއިޑް ޓްރެއިނިންގެ އާއި، ފައަރ އެވެއާރނަސް ޓްރެއިނިންގ، ފޯނުން މުއާމަލާތްކުރުމުގައި ގެންގުޅެންޖެހޭނެ އުސޫލުތަކާއި ޓީމް ބިލްޑިންގ، އަދި މަސައްކަތުގެ މާހައުލުގައި ޖިންސީފުރައްސާރައިން ރައްކާތެރިވުމާބެހޭ ޓްރެއިނިންގތައް ހިމެނޭ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއްވައެވެ.
ހަރަކާތް ނިންމާލުމަށް ޓަކައި ހާއްސަ ޑިނަރ ނައިޓެއް ބާއްވާފައިވާއިރު، މި ޑިނަރ ނައިޓުގައި އެސްޓީއޯގެ އެމްޑީގެ އިތުރުން އެސްޓީއޯގެ ބައެއް އިސްވެރިން ވެސް ބައިވެރިވަޑައިގެންނެވިއެވެ. ދެކުނު ފޯރީގައި ކުރިއަށްގެންދިޔަ މުބާރާތްތަކުން ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދީފައި ވަނީ މި ޑިނަރ ނައިޓުގައެވެ.
މި އިވެންޓަކީ އެސްޓީއޯގެ ރެކްރިއޭޝަން ކްލަބް ސްޓޯކްގެ އިސްނެގުމުގެ މަތިން އަހަރަކު އެއްފަހަރު ބާއްވާ އިވެންޓެކެވެ. މި އިވެންޓް ބޭއްވުމުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ އެސްޓީއޯގެ މުވައްޒަފުން އެއްތަނަކުން ބައްދަލުވެ، އެކުވެރިކަމާއި ގުޅުން ބަދަހިކުރުމެވެ. އަދި އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ރޫޙާއި، މުވައްޒަފުންގެ ކިބައިގައި ތަމްރީނާއި ޤާބިލުކަން އަށަގެންނެވުން ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.