Ads by Farudhun

ޚަބަރު

ފަރުމަސް އާލާކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބުރު ބާއްވަނީ؛ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ފަރުމަސް އާލާކުރުމުގެ ތަމްރީނު ޕްރޮގްރާމުގެ 3 ވަނަ ބުރު ބާއްވަނީ؛ ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މަނިޔަފުށީގައި ބޭއްވުނު ސކޫލު ކުދިން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން - ފޮޓޯ: މެރިން ރިސާޗް ސެންޓަރު

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 ސެޕްޓެމްބަރު 2026، 12:37

02 ސެޕްޓެމްބަރު 2026، 12:37

ދިވެހިރާއްޖޭގައި ފަރުމަސް އާލާކުރުމުގެ ދާއިރާ ތަރައްޤީކޮށް، މި ދާއިރާއިން ޒުވާނުންނާއި ޝައުޤުވެރިވާ ފަރާތްތަކަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގެ ތިންވަނަ ބުރުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމަކީ ވޯލްޑް ބޭންކްގެ މާލީ އެހީތެރިކަމާއެކު ހިންގަމުންދާ ޓްރާންސްފޯމް ޕްރޮޖެކްޓުގެ ދަށުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) ގުޅިގެން ހިންގާ ޚާއްޞަ ތަމްރީނު ޕްރޮގްރާމެކެވެ. ކ. މަނިޔަފުށީގައި ހުންނަ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި އަސާސީ މެރިކަލްޗަރ ކޯސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ މަހުގެ 10 އިން ފެށިގެން 21 ގެ ނިޔަލަށެވެ.

ޖުމްލަ 15 ބައިވެރިންނަށް ފުރުޞަތު ދީގެން 14 ދުވަހުގެ މުއްދަތަށް ހިންގާ މި ކޯހުގައި ކަނޑުގެ ދިރުންތައް އާލާކުރުމާ ގުޅޭ މުހިންމު ގިނަ ބައިތަކެއް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި އެކުއަކަލްޗަރގެ ނިޒާމުތައް ދެނެގަތުމާއި، ދިރޭ ކަނާ އުފައްދައި އާލާކުރުމުގެ އިތުރުން ފާނަ، ހުއިފިލަނޑާ އަދި ދިވެހި މާގަނޑުމަސް ވިއްސައި ކުދިމަސް ބޮޑުކުރާނެ ގޮތްތައް ހިމެނެއެވެ. މީގެއިތުރުން އިތާމުތް އާލާކުރުމާއި، މޫދުވިނަ ހެއްދުމުގެ އިލްމީ މަޢުލޫމާތާއި، މަސްމަހާމެއްސަށް ޖެހޭ ތަފާތު ބަލިތައް ދެނެގަނެ ފަރުވާދޭނެ ގޮތްތަކުގެ އިތުރުން ތިމާވެއްޓަށް ގެއްލުން ނުވާނޭހެން މި މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ ތަމްރީނު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މި ހިނގާ މަހުގެ 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފުރިހަމަކޮށްފައިވާ ފޯމާއި އައިޑީ ކާޑުގެ ކޮޕީ މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް ނުވަތަ އެ އިދާރާގެ އީމެއިލް ([email protected]) މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ. މި ކޯހަށް ބައިވެރިން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ.

ތަމްރީނު ކުރިއަށްދާ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައިވަނީ ކ. މަނިޔަފުށީގައެވެ. އަދި ބައިވެރިން މާލެއިން މަނިޔަފުއްޓަށް ކުރާ ދަތުރުފަތުރާއި، އެ ރަށުގައި ތިބޭއިރު ހުރުމާއި ކެއުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސައިދޭނީ އެމްއެމްއާރްއައިގެ ފަރާތުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ފުޅާކުރުމުގެ ގޮތުން ހިންގާ މި ޕްރޮގްރާމުގެ މިއަހަރުގެ ދެވަނަ ބުރުގެ ތަމްރީނުތައް މިދިޔަ މަހު ކާމިޔާބުކަމާއެކު ވަނީ ފަށާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450