ޚަބަރު
ވިލިމާލެ ހޮސްޕިޓަލު ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ފަށަނީ
ވިލިމާލެ ހޮސްޕިޓަލް ފޮޓޯ: ގޫގުލް
ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި ސިއްޙީ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ އަމާން ހިޔާއަށެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފިނިޝިން މަސައްކަތްތަކާއި ލިފްޓެއް ހަރުކުރުމުގެ މަސައްކަތްތަކެވެ. އަދި ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެން، ރައްޔިތުންނަށް ޚިދުމަތް ހޯދުމުގައި ބުރު ނާރާނެ ގޮތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ޚިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ،" ސީއީއޯ ވިދާޅުވިއެވެ.
މިގޮތުން އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި، އޯޕީޑީ އަދި ވެކްސިން ޖެހުމުގެ ޚިދުމަތްތަކެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތް ދެމުން އަންނަ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތްތައް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ޗައިނާ ސަރުކާރުންނެވެ. މިހާރު ވަނީ މި ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ފަށާފައެވެ.
އަލަށް ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނައިރު، އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތައް ޤާއިމުކުރެވިގެންދާނެއެވެ.
އާބާދީގައި 15،000 އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެކަށީގެންވާ ގޮތެއްގައި ޚިދުމަތް ދެވޭނެ އިންތިޒާމުތަކެއް ނެތެވެ. މިހާރުގެ ހޮސްޕިޓަލުގައި ބަލިމީހުން ބެލުމަށް ހުރީ އެންމެ 3 ކޮޓަރިއެވެ. އަދި އިމަރޖެންސީގައި ބޭނުންކުރަނީ 5 އެނދެވެ.
މީގެ ސަބަބުން ޢާންމު ސިއްޙީ ފަރުވާތަކަށްވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވާންޖެހުމަކީ ވިލިމާލޭގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އައު ހޮސްޕިޓަލުގެ މަސައްކަތް ނިމުމުން މިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.