ޚަބަރު
ކުޅުދުއްފުށީގައި އަޅާ ވަޤުފް އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
މި މަސައްކަތުގެ ތެރެއިން. ފޮޓޯ: ވުޒާރާ
ކުޅުދުއްފުށި ސިޓީގައި އަޅާ ވަޤުފް އިމާރާތުގެ މަސައްކަތް ފަށާފައިވާ ކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިކަން ހާމަކުރައްވާފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގެ ޒަރިއްޔާއިން ކަމަށްވާއިރު، މިއީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި މަޝްރޫއަށް 10 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާއިރު، ވަޤުފް މަޝްރޫޢުތަކަކީ އިސްލާމީ ދާއިރާއިން މި ދައުރުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫޢުއެވެ.
ކުޅުދުއްފުށި ސިޓީގައި ސަރުކާރުން ބިނާ ކުރާ ވަޤްފު ޢިމާރާަތުގެ ޢަމަލީ މަސައްކަތް ކުރިއަށް ދަނީ.@MMuizzu @presidencymv @Mohamedshaheem1 pic.twitter.com/Hlg1EgQlyp
— Ministry of Islamic Affairs & Endowments (@MVIaffairs) September 2, 2026
އަލަށް ތަރައްޤީކުރެވޭ މި ވަޤުފް ޢިމާރާތްތަކަކީ ޒަމާނީ ފެންވަރަށް ބިނާކުރެވޭ، އޮފީސްތަކާއި، ދިރިއުޅޭ ބައިތަކުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ޖާގަ ހިމެނޭ އެކި ބޭނުންތައް ފުއްދައިދޭނެ މަރުކަޒުތަކެކެވެ.
އަތޮޅުތަކުގައި ބިނާކުރާ މިފަދަ ޢިމާރާތްތަކުން ލިބޭ އާމްދަނީ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، އެ ސަރަޙައްދެއްގެ ދީނީ ކަންކަން ތަރައްޤީކުރުމަށާއި، މިސްކިތްތައް މަރާމާތުކޮށް ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ އެކިއެކި ޙަރަކާތްތަކަށެވެ. މި ވަޤުފް ޢިމާރާތްތަކުން ލިބޭ އާމްދަނީއާއި މާލީ ކަންކަން ބަލަހައްޓާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ލަފައާއި އިރުޝާދުގެ ދަށުން އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ވަޤުފްގެ ނިޒާމު ފުޅާކޮށް، ދީނީ ކަންކަމަށް މާލީ ގޮތުން އިތުރު ބާރުވެރިކަމެއް ހޯދައިދިނުމަށް ފަށާފައިވާ މުހިންމު މަސައްކަތެކެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުޅުދުއްފުށި ސިޓީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، އަދި ގއ. ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ނިންމަވާފައެވެ. އަދި މާލޭގެ އިތުރުން ހުޅުމާލޭގައި ވެސް ވަޤުފް އިމާރާތެއް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.