ޚަބަރު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދޭ
ފުވައްމުލަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ މަސައްކަތް ފެށުން. ފޮޓޯ: ވުޒާރާ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޯހިޔާވަހިކަމުގެ 113 މަޝްރޫޢެއްގެ މަސައްކަތް މިވަގުތުވެސް ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
ދިވެހި ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރި ބޯހިޔާވަހިކަމެއް ކަށަވަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ ދާއިރާއިން އެންމެ އިސްކަންދެއްވާ އެއް ސިޔާސަތެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލައެވެ. މި މައްސަލައަށް ހައްލު ހޯދުމަށް އެކި ސަރުކާރުތަކުން މާލެއާއި އަތޮޅުތަކުގައި އެކި ސްކީމްތައް ހިންގާފައިވީ ނަމަވެސް، އިތުރުވަމުންދާ އާބާދީއާއި ބޯހިޔާވަހިކަމަށް އޮތް ބޮޑު ޑިމާންޑުގެ ސަބަބުން މިކަމަކީ އަދިވެސް ގިނަ ބައެއްގެ ބޮޑު ކަންބޮޑުވުމެކެވެ. ކުޑަތަންކޮޅެއްގައި މިނިވަންކަމެއް ނެތި އެތައް ޢާއިލާއަކުން ދިރިއުޅެން ޖެހުމަކީ މުޖުތަމަޢުގެ ހަމަޖެހުމަށާއި ޢާއިލީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
އަތޮޅުތަކުގައި ހިންގާ މަޝްރޫޢުތަކުގެ ތަފްސީލު
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ މަޝްރޫޢު ކުރިއަށްދަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެ ސަރަހައްދުގައި 21 މަޝްރޫޢެއް ކުރިއަށްދާއިރު، އައްޑޫ ސިޓީއާއި ހދ. އަތޮޅުގައި ކޮންމެ ސަރަޙައްދެއްގައި 9 މަޝްރޫޢު، ގއ. އަތޮޅުގައި 8 މަޝްރޫޢު، އަދި ބ. އަތޮޅާއި ރ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 7 މަޝްރޫޢުގެ މަސައްކަތް ދަނީ ހިނގަމުންނެވެ.
މީގެއިތުރުން ގދ، ތ، މ، އަދި ޅ. އަތޮޅުން ކޮންމެ އަތޮޅެއްގައި 6 މަޝްރޫޢު ކުރިއަށްދާއިރު، ލ. އަތޮޅާއި ހއ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 5 މަޝްރޫޢު ދަނީ ހިންގަމުންނެވެ. އަދި ދ. އަތޮޅުގައި 4 މަޝްރޫޢު، ފުވައްމުލައް ސިޓީއާއި އއ، ނ، އަދި ށ. އަތޮޅުގައި ކޮންމެ އަތޮޅެއްގައި 3 މަޝްރޫޢު ހިންގަމުންދާއިރު، އދ. އަތޮޅުގައި ދަނީ 2 މަޝްރޫޢު ހިންގަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިއީ މިހާތަނަށް އެންމެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނެ ސަރުކާރު ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ އެންމެހައި މަޝްރޫޢުތަކަކީ އެއްވެސް ނުފޫޒެއް ނެތި، ނުފޫޒުން އެއްކިބާވެގެން ހިންގާ މަޝްރޫޢުތަކެއް ކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.