ޚަބަރު
ށ. ބިލަތްފަހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ ޝަޓަރިން މަސައްކަތް ކުރިއަށްދަނީ
ށ. ބިލަތްފަހީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ތަނބުތަކުގެ ޝަޓަރިން މަސައްކަތް. ފޮޓޯ: އެމްޓީސީސީ
ށ. ބިލަތްފަހީގައި ތަރައްޤީކުރަމުން އަންނަ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ގްރައުންޑް ފްލޯގެ ތަނބުތަކުގެ ޝަޓަރިން މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށްރަށުގައި ޒުވާނުން ތަރައްޤީކުރުމަށާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފައުންޑޭޝަން ފޫޓިންގ ކޮންކްރީޓް މަސައްކަތްތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލާފައެވެ. އަދި އޭގެ ފަހުން ޓައި ބީމް ކޮންކްރީޓް މަސައްކަތްތައް ނިންމައި، މިހާރު ކުރިއަށްދަނީ އިމާރާތުގެ މައިގަނޑު އޮނިގަނޑުގެ ގްރައުންޑް ފްލޯ ތަނބުތަކަށް ކޮންކްރީޓް އެޅުމަށް ވާންޖެހޭ ޝަޓަރިން މަސައްކަތްތަކެވެ.
Project Update: Development of Fitness and Recreation Center at Sh. Bilehfahi
— MTCC Plc (@MTCCPlc) September 2, 2026
Ground floor column shuttering works are ongoing.
Follow more updates at: https://t.co/RjAFCf3rnI #MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/kgsXzy0vWI
މި މަޝްރޫޢުގެ އެއްބަސްވުމުގައި ކުޅިވަރާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢަބްދުﷲ ރާފިޢުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސަޢުދީއެވެ. އިމާރާތުގެ އޮނިގަނޑުގެ މަސައްކަތް ނިމުމުން، އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް އެހީގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ކަސްރަތު ސާމާނު މި ސެންޓަރުގައި ޤާއިމުކުރެވޭނެއެވެ.
ފިޓްނަސް ސެންޓަރުގެ އިތުރުން ވެސް ބިލަތްފަހީގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން އެމްޓީސީސީން 47.09 މިލިއަން ރުފިޔާއަށް ކުރިއަށްގެންދާ ބިލަތްފަހީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫޢުގައި ނެރު ފުންކުރުމާއި، އެއްގަމުތޮށި ލުމާއި، މޫރިންގ ބްލޮކްސް އަދި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
މީގެއިތުރުން، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ ރަށު ކައުންސިލް އިދާރާގެ އައު އިމާރާތުގެ މަސައްކަތުގެ 64 އިންސައްތަ ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ފުރާޅު އެޅުމާއި، ޕްލަމްބިންގ އަދި އެތެރޭގެ ފިނިޝިންގ މަސައްކަތްތަކެވެ.