Ads by Farudhun

ޚަބަރު

ރާއްޖޭގެ 5 ރަށެއްގެ އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމްޓީސީސީއާ ޙަވާލުކޮށްފި

ރާއްޖޭގެ 5 ރަށެއްގެ އުމްރާނީ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް އެމްޓީސީސީއާ ޙަވާލުކޮށްފި

ރާއްޖޭގެ 5 ރަށެށްގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް އެމްޓީސީއާއި ހަވާލު ކުރުން - ފޮޓޯ: ހައުސިން މިނިސްޓްރީ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 ސެޕްޓެމްބަރު 2026، 05:27

02 ސެޕްޓެމްބަރު 2026، 05:27

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން، ރާއްޖޭގެ 5 ރަށެއްގެ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ މިއަދު ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މިނިސްޓްރީ އޮފް ހައުސިންގ، އިންފްރާސްޓްރަކްޗަރ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޖަމްޝީދެވެ.

އެމް.ޓީ.ސީ.ސީއާ މިއަދު ޙަވާލުކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ފ. ދަރަބޫދޫ ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަޝްރޫޢު ހިމެނެއެވެ. 360 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 635 މީޓަރުގެ ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓަރ ޖެހުމާއި، 65 މީޓަރުގެ ސަރަޙައްދެއްގައި 4 ބޮޑުހިލައިގެ ލޯކްރެސްޓް ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 6 ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

ދެވަނަ މަޝްރޫޢެއްގެ ގޮތުގައި ކ. ގާފަރު ބަނދަރު މަރާމާތުކުރުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވާއިރު، މި މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، 420 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 17 މީޓަރުގެ ބޮޑުހިލައިގެ ސަބްމާރޖްޑް ބޭރުތޮށި ޖެހުން ހިމެނެއެވެ. މީގެއިތުރުން މިހާރު އޮތް އެއްގަމުތޮށިން 468 މީޓަރު މަރާމާތުކުރުމާއި، 220 މީޓަރު ދިގު 4 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ށ. ފުނަދޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހި ވެސް ވަނީ އެމް.ޓީ.ސީ.ސީއާ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 26.55 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަޙައްދު ޙިމާޔަތްކުރުމުގެ ގޮތުން 3،284 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ޖިއޯ ބޭގް ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

ހަމައެއާއެކު، ގދ. މަޑަވެލި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި، ދޯނި އެހެލާ ސަރަޙައްދު ތަރައްޤީކުރުމާއި، 253 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 537 މީޓަރުގެ ސޭންޑްފިލް ބްރޭކްވޯޓަރ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 535 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމަށް ވަނީ އެއްބަސްވެފައެވެ. އަދި ކުރީގެ އެއްގަމުތޮށިން 367 މީޓަރު މަރާމާތުކުރުމާއި، 383 މީޓަރުގެ އައު އެއްގަމުތޮށި ޖެހުމާއި، 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުމާއި، 150 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 20 މީޓަރު ދިގު 3 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމާއި، ޕޭވްމެންޓް ހެދުމުގެ އިތުރުން 2 ނެރު ބައްތި އަދި 24 މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގައި ހިމެނެއެވެ.

ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާވަމުން އަންނަ ކ. މާފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ އެއްބަސްވުމުގައި ވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން 25 ހެކްޓަރުގެ ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމަށްޓަކައި 724 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 162 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމުގެ އިތުރުން 356 މީޓަރުގެ ބޮޑުހިލައިގެ ފައިކަށި (ގްރޮއިން) ޖެހުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.

މި މަޝްރޫޢުތަކަކީ އެ ރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމާއި، ލަފާފުރުމުގެ ދަތިތަކުގެ އިތުރުން ރަށްގިރުމުގެ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދައިދީ، ރަށްރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް މަގުފަހިކުރުމުގެ މަތިވެރި މަޤްޞަދުގައި ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450