ޚަބަރު
ކޮޅުފުށީ ރިންގް ރޯޑް ހެދުމުގެ މަޝްރޫޢު އާރު.ޑީ.ސީއާ ޙަވާލުކޮށްފި
ކޮޅުފުށީ ރިންގ ރޯޑް ހެދުމުގެ މަސައްކަތް ހަވާލު ކުރުން - ފޮޓޯ: ހައުސިންގ މިނިސްޓްރީ
މ. ކޮޅުފުށީގެ ރިންގް ރޯޑް ތަރައްޤީކުރުމުގެ މަޝްރޫޢު، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާ ޙަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް އިސްމާޢީލް ޙަމީދެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
ކޮޅުފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޙަވާލުކުރެވުނު މި މަޝްރޫޢު ނިންމުމަށް އާރު.ޑީ.ސީއަށް ދީފައިވަނީ 720 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި:
- 3 ކިލޯމީޓަރުގެ މަގުގައި ތާރުއަޅައިގެން ތަރައްޤީކުރުން
މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ޙައްލުކުރުމަށް ފެންހިންދާ ނިޒާމު ޤާއިމުކުރުން - މަގުތައް އަލިކުރުމަށްޓަކައި މަގުބައްތި ޖެހުން ހިމެނެއެވެ.
މި މަޝްރޫޢު ނިމުމުން، ކޮޅުފުށީގެ ދަތުރުފަތުރަށް ބޮޑު ލުއިފަސޭހަކަމެއް ލިބި، ރަށުގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންނަށް ރައްކާތެރި އަދި ފަސޭހަ މަގުތަކެއް ތަނަވަސްކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.