Ads by Farudhun

ޚަބަރު

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން ހުއްދަ ހޯދަން އެލްޖީއޭއިން އަންގައިފި

ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން ހުއްދަ ހޯދަން އެލްޖީއޭއިން އަންގައިފި

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް. ފޮޓޯ: އެލްޖީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2026، 05:53

02 ސެޕްޓެމްބަރު 2026، 05:53

ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހުއްދަ ލިޔުމުން ހޯދައިގެން ނޫނީ ކައުންސިލްތަކަށް އެއްވެސް މުވައްޒަފަކު ނުނެގުމަށް އެ އޮތޯރިޓީން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ސޮއިކުރައްވައި އިއްޔެ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުގެ އިތުރަށް އަތޮޅުތަކުގައި ހުންނަ އެލްޖީއޭގެ ގޮފިތަކަށް ފޮނުއްވި ސިޓީއެއްގައި ބަޔާންކޮށްފައިވަނީ، މި ބަދަލު ގެނެސްފައިވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ.

އެ ސިޓީގައި ވާގޮތުން، ދައުލަތުގެ ބަޖެޓުންނާއި ކައުންސިލްގެ އާމްދަނީން ހަރަދުވާ ގޮތަށް ކައުންސިލުތަކުން އަލަށް އުފައްދާ ނުވަތަ ހުސްވާ ދާއިމީ މަގާމުތަކަށް މީހުން ނެގުމުގެ ކުރިން އެލްޖީއޭގެ ހުއްދަ ހޯދަންޖެހެއެވެ. މީގެއިތުރުން، ކައުންސިލް ހިންގުމުގެ ނިޒާމުގެ ތެރެއިން ނުކުންނަ ވަގުތީ ބޭނުންތައް ފުއްދުމަށް ނުވަތަ ވަގުތީ މަޝްރޫއުއެއް ހިންގުމަށް ކަނޑައެޅޭ ވަކި މުއްދަތަކަށް ނުވަތަ ވަކި މަސައްކަތެއް ކުރުމަށް "ކޮންޓްރެކްޓް އެމްޕްލޯއިމަންޓް" އަދި "ވޭޖް އެމްޕްލޯއިމަންޓް" ވަޒީފާތަކަށް މީހުން ނަގަންވާނީ ވެސް އެ އޮތޯރިޓީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހުގައެވެ.

ހަމައެއާއެކު، ވަގުތީ ބޭނުންތަކަށާއި ވަކި މަޝްރޫއުތައް ހިންގުމަށް ކޮންޓްރެކްޓް، ވޭޖް، ކޮންސަލްޓަންސީ އަދި މިނޫނަސް އުޖޫރަދެވޭ އެއްވެސް ބާވަތެއްގެ ވަޒީފާއަކަށް މީހުން ނެގުމަށް އިއުލާން ކުރަންވާނީ ވެސް އެލްޖީއޭގެ ހުއްދަ ހޯދުމަށްފަހުގައި ކަމަށް އެ ސިޓީގައި ފާހަގަކޮށްފައިވެއެވެ.

މި އުސޫލަށް އިއްޔެއިން ފެށިގެން އަމަލުކުރުމަށް ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލުތަކުގެ އިތުރުން އަތޮޅުތަކުގައި ހުންނަ އެލްޖީއޭގެ ގޮފިތަކަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450