Ads by Farudhun

ޚަބަރު

ދުވަސްވީ މުވައްޒަފުން ޚިދުމަތާއި ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު

ދުވަސްވީ މުވައްޒަފުން ޚިދުމަތާއި ވަކިވެގެންދަނީ ރަނގަޅު ލެގަސީއެއް ދޫކޮށްފައި: ޑރ. އަޒްވަރު

ސްޓެލްކޯގެ 2 މުވައްޒަފަކު ވަކިވެގެން ދިއުން - ފޮޓޯ: ސްޓެލްކޯ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

02 ސެޕްޓެމްބަރު 2026، 05:52

02 ސެޕްޓެމްބަރު 2026، 05:52

ޚިދުމަތުގައި ގިނަ ދުވަސް ވެފައިވާ ތަޖުރިބާކާރު މުވައްޒަފުން ކުންފުންޏާއި ވަކިވެގެން ދިއުމަކީ ކުންފުންޏަށް ލިބޭ ބޮޑު ދެރައެއް ނަމަވެސް، އެ މުވައްޒަފުން ވަކިވެގެންދަނީ އަންނަން އޮތް ޖީލުތަކަށް ވަރަށް ރަނގަޅު ލެގަސީއެއް ދޫކޮށްފައި ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.

ޑރ. އަޒްވަރު މިހެން ވިދާޅުވީ، ސްޓެލްކޯއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވި ދެ މުވައްޒަފެއްގެ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު  އެ ކުންފުނީގައި ބޭއްވި ޚާއްޞަ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒްވަރު ވިދާޅުވީ، ކުންފުނީގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން އައު އިންޖީނުތަކާއި މޮޑެލްތައް ހޯދައި، ޢިމާރާތްތަކުގެ އާބާތުރަ ފިލުވިދާނެ ކަމަށެވެ. ނަމަވެސް ދިގު މުއްދަތެއްގެ ޚިދުމަތުން މުވައްޒަފުން ހޯދާފައިވާ އަގުހުރި ތަޖުރިބާއަކީ އެހެން އެއްޗަކުން ފޫބެއްދޭނެ ނުވަތަ އަލުން ހޯދޭނެ އެއްޗެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

""މިފަދަ ފަރާތްތަކުގެ ތަޖުރިބާ އެއީ އަޅުގަނޑުމެންނަށް ރިޕްލޭސްކުރަން އެއީ އަޅުގަނޑުމެންނަށް ހަމަ ވަރަށް ބޮޑު ޗެލެންޖެއް. މި ބޭފުޅުން އެ ގެންދަވާ އިންސްޓިޓިއުޝަނަލް މެމޮރީ، އެ ކުންފުންޏަކަށް، އެ އިދާރާއަކަށް ހަމަ ވަރަށް މުހިއްމު ކަންތައް އެއީ. ދެންމެ ބައެއް ބޭފުޅުން ފާހަގަކުރައްވައިފި ކުރީގެ ބައެއް ކަންތައްތަކުގަ (ޚިދުމަތުގައި ގިނަ ދުވަސް ވެފައިވާ ބޭފުޅުންގެ) ތަޖުރިބާގެ މައްޗަށް ކުންފުނީގެ މަސައްކަތާ ގުޅޭގޮތުން އެ ހިއްސާކުރައްވާ ވާހަކަތައް. އެއީ ކުންފުންޏަކަށް ބޭސްކޮށްފަ ވަރަށް މުހިއްމު ކަންތައްތައް އަޅުގަނޑުމެންގެ އެކި ކަންކަން ތަރައްޤީކުރުމުގަ، މައްސަލަތަކަށް އެޓެންޑް ކުރުމުގަ، އެ އިންސްޓިޓިއުޝަނަލް މެމޮރީ. އެއީ އަޅުގަނޑުމެންނަށް ގެއްލިގެންދާނެ ވަރަށް މުހިއްމު ބައެއް."،" 

ޑރ. އަޒްވަރު ވިދާޅުވިއެވެ.

ޑރ. އަޒްވަރު އިތުރަށް ވިދާޅުވީ، މިއަދު ޚިދުމަތުން ވަކިވެވަޑައިގެންނެވި ބޭފުޅުންނަކީ އެ ބޭފުޅުންގެ ދަށުން މަސައްކަތްކުރި ޒުވާން ޖީލުތަކަށް މަސައްކަތުގެ މައިދާނުގައި ގިނަގުނަ އަގުހުރި ފިލާވަޅުތަކެއް އުނގަންނައިދެއްވައި، ރަނގަޅު ނަމޫނާއެއް ދައްކަވާފައިވާ ބޭފުޅުން ކަމަށެވެ. އެހެންކަމުން އެ ބޭފުޅުންގެ ޚިދުމަތުގެ އަސަރު ކުންފުނީގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯއަށް ގިނަ އަހަރުތަކެއް ވަންދެން އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ވަޒީފާއިން ވަކިވެވަޑައިގެންނެވި ދެ ބޭފުޅުންނަކީ، ފާއިތުވި 48 އަހަރު ކުންފުންޏަށް ޚިދުމަތްކުރެއްވި ސަރވިސް އިންޖިނިއަރ އަލްފާޟިލް މުޙައްމަދު މަނިކާއި، ވޭތުވެދިޔަ 37 އަހަރު ޚިދުމަތްކުރެއްވި އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު މައުރޫފެވެ.

މި ޙަފްލާގައި މި ދެ ބޭފުޅުން ކުންފުންޏަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައާއި ހަދިޔާ ވަނީ އަރުވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450