ޚަބަރު
ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި
ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަމާއި، އެކަންކަން ހާސިލުކުރުމަށް ކުރިމަތިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ.
އެގޮތުން ރަށުގެ މަގު ހެދުމާއި ސްކޫލުގެ އާ އިމާރާތުގެ މަޝްރޫޢު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމަށާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމާއި، ފުލުހުންގެ މަރުކަޒުގެ މަސައްކަތް އަވަސްކޮށްދެއްވުމާއި، ޞިއްޙީ މަރުކަޒުގެ ޚިދުމަތްތައް ރަނގަޅުކޮށްދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ކައުންސިލުގެ މެންބަރުންނަށް ވަނީ ދެއްވާފައެވެ.