Ads by Farudhun

ޚަބަރު

މިދިޔަ މަހު މިފްކޯއަށް 555 ދޯންޏަކުން މަސްކިރުވާ، މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކޮށްފި

މިދިޔަ މަހު މިފްކޯއަށް 555 ދޯންޏަކުން މަސްކިރުވާ، މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކޮށްފި

މިފްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 ސެޕްޓެމްބަރު 2026، 11:08

02 ސެޕްޓެމްބަރު 2026، 11:08

މިދިޔަ އޮގަސްޓު މަހު މަސްވެރިންނަށް 29.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މި މުއްދަތުގެ ތެރޭގައި އެ ކުންފުންޏަށް 555 ދޯންޏަކުން ވަނީ މަސް ކިރުވާފައެވެ.

މަސްކިރުވި އަދަދާއި ލިބުނު ފައިސާ ދަށްވެފައިވުން
ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ މަހު މަސް ކިރުވި ދޯނިތަކުގެ އަދަދާއި ކިރުވި މަހުގެ މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން ޖުލައި މަހު 822 ދޯންޏަކުން މަސް ކިރުވި ނަމަވެސް، އޮގަސްޓު މަހު އެ އަދަދު ވަނީ 555 އަށް ދަށްވެފައެވެ. މިއީ 32 ދޯނީގެ ދަށްވުމެކެވެ.

މީގެއިތުރުން، އޮގަސްޓު މަހު މިފްކޯގެ އެކި ފެސިލިޓީތަކަށް ކިރުވާފައިވަނީ 1،488 ޓަނުގެ މަހެވެ. މިއީ ޖުލައި މަހު ކިރުވި 2،474 ޓަނުގެ މަހާ އަޅާބަލާއިރު 39 އިންސައްތައިގެ ދަށްވުމެކެވެ. މަސް ކިރުވި މިންވަރު ދަށްވުމާ ގުޅިގެން މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދުވެސް ވަނީ 39 އިންސައްތަ ދަށްވެފައެވެ. ޖުލައި މަހު 49.7 މިލިޔަން ރުފިޔާ ދޫކުރިއިރު، އޮގަސްޓު މަހު ދޫކޮށްފައިވަނީ 29.9 މިލިޔަން ރުފިޔާއެވެ. އެގޮތުން އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް މަސްވެރިންނަށް ދޫކުރި ފައިސާ ހުރީ 1 މިލިޔަން ރުފިޔާއަށްވުރެ ދަށުގައެވެ.

މަސްވެރިކަން ދަށްވުމުގެ ސަބަބުތައް
ރާއްޖޭގެ ސަރަހައްދުގައި މަސްވެރިކަން ދަށްވެފައިވަނީ މައިގަނޑު ގޮތެއްގައި އެންވެރިކަން ދަށްވުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚަށް ބަލާއިރު އައު ކަމެއް ނޫނެވެ. ޒަމާނުއްސުރެ ހުޅަނގު މޫސުމުގެ ބާރުގަދަވާ ޖޫން މަހާއި އޮގަސްޓު މަހަކީ އެންވެރިކަން ދަށްވުމުގެ ސަބަބުން ކޮންމެ އަހަރަކުވެސް މަސްވެރިކަން އެންމެ ބޮޑަށް ދަށްވާ ދުވަސްވަރެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކަށް މަސްވެރިކަން ހެދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ޖަމާކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މި އުސޫލުން ފައިސާ ދޫކުރަން ފެށިފަހުން މިހާތަނަށް 2.2 ބިލިޔަން ރުފިޔާ މަސްވެރިންނަށް ވަނީ ދޫކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450