Ads by Farudhun

ޚަބަރު

ކައުންޓަރ-ޓެރަރިޒަމާއި ގުޅޭ ސެމިނާއެއްގައި ބައިވެރިވުމަށް 25 ފުލުހުން ޗައިނާއަށް

ކައުންޓަރ-ޓެރަރިޒަމާއި ގުޅޭ ސެމިނާއެއްގައި ބައިވެރިވުމަށް 25 ފުލުހުން ޗައިނާއަށް

ފުލުހުންގެ އިދާރާ. ފޮޓޯ: ވަން އޮންލައިން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 10:00

03 ސެޕްޓެމްބަރު 2026، 10:00

ޗައިނާ ޕީޕަލްސް ޕޮލިސް ޔުނިވަރސިޓީ (ސީޕީޕީޔޫ) އިން އިންތިޒާމުކޮށްގެން އެ ގައުމުގެ ހެބެއިގައި ބާއްވާ "ސެމިނަރ އޮން ލޯ އެންފޯސްމަންޓް އެންޑް ކައުންޓަރ-ޓެރަރިޒަމް" ގައި ބައިވެރިވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ 25 އޮފިސަރުންގެ ވަފުދެއް ޗައިނާއަށް ފުރައިފިއެވެ.

ސެޓެމްބަރު 4 އިން 17 އަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ސެމިނާރުގައި ބައިވެރިވާ ދިވެހި ފުލުހުންގެ ވަފުދުގައި އިސްކޮށް ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ރަޝްވާނެވެ. މީގެއިތުރުން މި ވަފުދުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކްގެ އޮފިސަރަކާއި، ޗީފް އިންސްޕެކްޓަރ ރޭންކުގެ 5 އޮފިސަރަކާއި، އިންސްޕެކްޓަރ ރޭންކުގެ 18 އޮފިސަރަކު ހިމެނެއެވެ.

މި ސެމިނާރަކީ ޓެރަރިޒަމާ ދެކޮޅަށް ގާނޫނު ތަންފީޒުކުރުމުގައި އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމާއި، ޑިޖިޓަލް ވިސްނުމާއި އައިޓީ ވަސީލަތްތައް ބޭނުންކުރުމުގެ ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ސެމިނާރއެއް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ހަމައެއާއެކު، ނުރައްކާތައް ދުރާލައި ދެނެގަތުމާއި، ނުރައްކާ ވަޒަންކުރުމާއި، އަވަސް ނިންމުންތައް ނިންމުމާއި، ހާދިސާ ހިނގާ ސަރަހައްދު ކޮންޓްރޯލްކުރުމުގެ އިތުރުން ބޮޑެތި ހަފުލާތަކާއި އެއްވުންތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އަމަލީ ހުނަރުތައް މި ސެމިނާރުގައި ދަސްކޮށްދެވިގެންދާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ

އަދި ބޯޑަރު ހުރަސްކޮށް ހިންގާ ޓެރަރިޒަމްގެ ހަރަކާތްތައް ދެނެގަނެ، ގުޅިގެން މަސައްކަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ވެސް މި ތަމްރީނުގައި އަލިއަޅުވާލުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ކައުންޓަރ-ޓެރަރިޒަމްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިއީ ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި އެޅޭ އެންމެ މުހިންމު ފިޔަވަޅުތަކެއް ކަމަށް އެ އިދާރާއިން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450