ޚަބަރު
ފުއްމުލަކުގައި ހޭންޑްބޯލް ކޯޓަކާއި ފުޓްސަލްދަނޑެއް ތަރައްގީކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
މި އެއްބަސްވުމުގައި ސޮއިކުރެއްވުން. ފޮޓޯ: ވުޒާރާ
ފުވައްމުލަކު ސިޓީގައި ހޭންޑްބޯލް ކޯޓަކާއި، ފުޓްސަލްދަނޑެއް ތަރައްގީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން، ސްޕޯޓްސް އެންޑް ފިޓްނަސް އާއި ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.
މިކަމަށް ޓަކައި މިއަދު ހެނދުނު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ބައްދަލުވުމުގައި، ދެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އަލީ ނިޒާރުއެވެ. ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝާހިދުއެވެ.
ހޭންޑްބޯލް ކޯޓު ތަރައްގީކުރުމުގެ މަޝްރޫއު ޕްރޮކްސީއާ ހަވާލުކޮށްފައި ވަނީ 1,997,595.71 ރުފިޔާއަށް 90 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން އެ ރަށުގެ ފުޓްސަލް ދަނޑު ހެދުމުގެ އެންމެހައި މަސައްކަތްތައް 90 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޖެހެއެވެ. މި މަޝްރޫއު ކުރިއަށްގެންދިއުމަށް އެ ކުންފުންޏާ ހަވާލުކުރެވިފައިވަނީ 2،079،384.71ގެ އަގަކަށް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މި ވަގުތުވެސް 15 ރަށެއްގައި ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫޢު ހިނގަމުން އަންނައިރު، އިތުރު 3 ރަށެއްގައި ހޭންޑްބޯޅަ ކޯޓު ތަރައްޤީކުރުމުގެ މަސައްކަތްތައް ވެސް ދަނީ ބާރަށް ކުރިއަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.