ޚަބަރު
ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް
ޑރ. އަޙްމަދު ރިޔާޒް
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކޮށްފިއެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 23 އޮގަސްޓް 2026 އިން ފެށިގެން، އެ އިދާޜާގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ޑރ. އަޙްމަދު ރިޔާޒް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް އައްޔަނުކުރައްވާފައިވާ ބޭފުޅާ އެ އިދާރާ ހިންގަވާނީ މާލީ ވަޒީރުގެ ލަފާގެ މަތިންނެވެ. އަދި މި ޤާނޫނު ބަޔާންކުރާ ގޮތުގައި އެ ބިއުރޯއާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ.
We are pleased to announce the appointment of Dr. Ahmed Riyaz as Chief Statistician of Maldives Bureau of Statistics effective from 23 August 2026.@MoFmv pic.twitter.com/VLXGZRFgYY
— Statistics Maldives (@statsmaldives) September 2, 2026
މި ޤާނޫނުގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު އިތުރަށް ތަރައްޤީކޮށް، އިޤްތިޞާދާއި އިޖްތިމާޢީ ކަންކަމުގެ އިތުރުން ތިމާވެށީގެ ޙާލަތު ދައްކުވައިދޭ މުހިންމު މަޢުލޫމާތުތައް އިތުބާރު ހުރި ގޮތެއްގައި އެއްކުރުމާއި، އެއް މިންގަނޑަކުން އެ މަޢުލޫމާތުތައް ފޯރުކޮށްދިނުން ހިމެނެއެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (MBS) އަކީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނުގެ ދަށުން ޤާއިމުކޮށްފައިވާ، ރާއްޖޭގެ ޤައުމީ ތަފާސްހިސާބާ ބެހޭ މައި އިދާރާއެވެ. މި އިދާރާގެ މައިގަނޑު މަސްއޫލިއްޔަތަކީ ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އާބާދީއާ ގުޅޭ ރަސްމީ ތަފާސްހިސާބުތައް އެއްކޮށް، ދިރާސާކޮށް ޝާއިޢުކުރުމުގެ އިތުރުން ޤައުމީ ބޯހިމެނުމާއި މުހިންމު ބޮޑެތި ސާވޭތައް ހިންގުމެވެ.
އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަފާސްހިސާބު އެއްކުރުމުގެ އުޞޫލުތައް އެކަށައަޅައި، ޤައުމީ ތަރައްޤީގެ ސިޔާސަތުތައް އެކުލަވައިލުމަށާއި ނިންމުންތައް ނިންމުމަށް ބޭނުންވާ ފެންވަރު ރަނގަޅު، އިތުބާރުހުރި މަޢުލޫމާތު ފޯރުކޮށްދިނުމަކީ މި އިދާރާގެ މައިގަނޑު އަމާޒެކެވެ.