Ads by Farudhun

ޚަބަރު

ފުލުހުން ބާއްވާ ކުޑަކުދިންގެ ހަވީރު އަންނަ ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރު ސަރަހައްދުގައި

ފުލުހުން ބާއްވާ ކުޑަކުދިންގެ ހަވީރު އަންނަ ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރު ސަރަހައްދުގައި

ފުލުހުން ބޭއްވި ކުޑަ ކުދިންގެ ހަވީރެއްގެ ތެރެއިން. ފޮޓޯ: ފުލުހުން

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 11:58

03 ސެޕްޓެމްބަރު 2026، 11:58

ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާލެއާއި އަތޮޅުތަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން، މާލޭގައި ބާއްވާ ކުޑަކުދިންގެ ހަވީރު އަންނަ ހޮނިހިރު ދުވަހު ސޯޝަލް ސެންޓަރު ސަރަހައްދުގައި އޮންނާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މި ކުޑަކުދިންގެ ހަވީރު ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށެވެ. މިއީ އާއިލާތަކާއި ކުޑަކުދިންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ހަރަކާތްތަކަކާއެކު ފަރުމާކުރެވިފައިވާ، ފުލުހުންނާ އެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ހަވީރެއް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.އެހެންކަމުން ހުރިހާ އާއިލާތަކުން ވެސް ކުދިން ގޮވައިގެން މި ހަރަކާތުގައި ބައިވެރިވުމަށް ފުލުހުން ވަނީ ދައުވަތު އަރުވާފައެވެ.

މާލޭގައި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 5 ސެޕްޓެމްބަރުގެ ހެނދުނު 6:00 ގައި ބާއްވާ "އެކުވެރިކަމުގެ ހިނގާލުން" އިންނެވެ. އަދި އެ ދުވަހުގެ ރޭގަނޑު 8:30 އިން 11:00 އަށް ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޚާއްސަކޮށްގެން "ބްލޫސް ފެމިލީ ނައިޓް" ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ތާވަލުކުރެވިފައިވަނީ 6 ސެޕްޓެމްބަރު 2026 ގައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޮލިސް ކޮމާންޑްތަކުން ވެސް މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި "ޕޮލިސް ވޯކް އެންޑް ޓޯކް" ޕްރޮގްރާމްތަކާއި، ކުޑަކުދިންގެ ހަވީރު އަދި "އެކުވެރިކަމުގެ ހިނގާލުން" ހިމެނެއެވެ.

މި ހަރަކާތްތަކަކީ ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމާއެކު، ފުލުހުންނާއި ފުލުހުންގެ އާއިލާތައް އަދި ފުލުހުން ޚިދުމަތް ފޯރުކޮށްދޭ މުޖުތަމައާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތްތައް ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. 

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450