ޚަބަރު
5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން އިތުރު 10 ރަށެއްގައި ނާސަރީ އަޅަނީ
މި އެއްބަސްވުންތަކުގައި ސޮއިކުރުން. ފޮޓޯ: މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަސް މިލިއަން ގަސް އިންދުމުގެ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ހިސާބުތަކުގައި 20 ނާސަރީ ޤާއިމުކުރުމަށް ހިންގާ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ 10 ރަށެއްގެ ކައުންސިލާއެކު އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން ކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކުރުމާއެކު، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން މުޅި ޤައުމުގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ކުރިއަށް ގެންދިއުމެވެ.
މި މަޝްރޫޢުގެ ދަށުން މިއަދު ސޮއިކުރެވުނު ދެވަނަ ބުރުގެ ނާސަރީތައް ބިނާކުރުމަށް ހަމަޖެހިފައިވާ ރަށްތަކަކީ:
- ހދ. ނޮޅިވަރަމް
- ކ. ހިންމަފުށި
- އދ. ދިއްދޫ
- ފ. ދަރަނބޫދޫ
- ދ. މީދޫ
- ލ. ހިތަދޫ
- ލ. ފޮނަދޫ
- ގދ. ވާދޫ
- ފުވައްމުލައް ސިޓީ
- ސ. މީދޫ
މި ނާސަރީތައް އެކުލަވާލުމުން ތަފާތު ވައްތަރުގެ ގަސްތައް އާލާކުރުމަށާއި، ގަސް އިންދުމުގެ ހަރަކާތަށް ބޭނުންވާ ގަސްތައް ދަތިކަމެއް ނެތި ލިބޭނެ މަގު ފަހިވާނެއެވެ. މީގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން މި ނާސަރީތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން މި މަޝްރޫޢު ކާމިޔާބީއާ ހަމައަށް ވާޞިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖުމްލަ 20 ނާސަރީ ޤާއިމުކުރުމަށް ކަނޑައަޅާފައިވާއިރު، އަލަށް ސޮއިކުރެވުނު 10 ރަށާއެކު މި މަޝްރޫޢުގެ ބޮޑުބައެއްގެ ޢަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. ސަރުކާރުން މަސައްކަތްކުރަމުން ދަނީ މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދުމުގެ އަމާޒަށް ވާޞިލުވުމަށް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 20 ނާސަރީ ބިނާކުރުމަށްޓަކައި, ދެވަނަ ބުރުގެ 10 ރަށުގެ ކައުންސިލާއެކު މިއަދު ވަނީ ސޮއިކޮށްފައެވެ.
— Min. of Climate Change, Environment and Energy, MV (@MoEnvmv) September 2, 2026
މި މަޝްރޫއުގެ ދަށުން މިއަދު ސޮއި ކުރެވުނު ދެވަނަ… pic.twitter.com/tiH5vP6cpU