ޚަބަރު
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ މާގިނަ ދުވަހަކަށް ނުދެމި ނިމޭނެ ކަމަށް ޓްރަމްޕް ބުނެފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީރާނާއެކު އަލުން ފެށިފައިވާ ހަނގުރާމައަކީ މާގިނަ ދުވަސްތަކަކަށް ދެމިގެންދާނެ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާ ބޭނުން ކޮންމެ ވަގުތެއްގައި ވެސް އީރާނަށް ހަމަލާދިނުމުގެ ފުރިހަމަ ގާބިލުކަން އެމެރިކާގެ އަސްކަރިއްޔާއަށް ލިބިގެންވާ ކަމަށް ބުނެ، ޓްރަމްޕް ވަނީ އީރާނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
މެދު އިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި، ކުވައިތުގެ އަސްކަރިއްޔާއިން ބުނެފައިވަނީ އެ ގައުމަށް އަމާޒުކޮށް އީރާނުން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތައް ދިފާއުކުރުމުގެ މަސައްކަތް ކުވައިތުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ކުރަމުން އަންނަ ކަމަށެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ދައުލަތުގެ ޓީވީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގަލްފުގެ ގައުމެއް ކަމަށްވާ ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ތެހެރާނުން އަމާޒުކޮށް ހަމަލާދެމުންދަނީ އެމެރިކާއިން އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކުގެ ބަދަލުހިފުމުގެ ގޮތުންނެވެ.
މީގެއިތުރުން، އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވަނީ އީރާނާއެކު އިގްތިސާދީ ގުޅުން ބާއްވާ ގައުމުތަކާއި، ފަރާތްތަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ފުޅާކުރުމަށް އެމެރިކާއިން ގެންގުޅޭ ޕްލޭންގެ ދަށުން، އީރާނަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެދާނެކަމަށް ބުނެފައެވެ.
މި ކުރިމަތިލުންތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު އިތުރަށް ހޫނުވެ، ސަރަހައްދީ ސަލާމަތަށް ބޮޑެތި ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.