ޚަބަރު
ކުންފުނީގެ ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރާނީ ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އަދާކުރުމުގައި - ސްޓެލްކޯ
ސްޓެލްކޯ ބިލްޑިންގ - ފޮޓޯ: ޕީއެސްއެމް
ރައްޔިތުންނާ ގުޅިފައިވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތް ކުންފުނީގެ އަގުހުރި ވަގުތާއި ވަސީލަތްތައް އަބަދުވެސް ހޭދަކުރަމުންދާނީ ޤައުމީ އަދި އިޖުތިމާޢީ ވާޖިބުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގައި ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެ ކުންފުނިން މިކަން ހާމަކޮށްފައިވަނީ ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި އެ ކުންފުނީގެ އެޗް.އާރް ޑިޕާޓްމަންޓަށް ގުޅި ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ ކުންފުންޏަކީ ރައްޔިތުންގެ ދިރިއުޅުމާ ސީދާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ޤައުމީ ޒިންމާ އުފުލަމުންދާ އެއް މުއައްސަސާއެވެ. އަދި ކުންފުނީގެ މުޅި ޓީމުގެ އެންމެ ބޮޑު އަމާޒަކީ އަދި މައިގަނޑު ފޯކަސްއަކީ ވެސް، 24 ގަޑިއިރު މެދުކެނޑުމެއްނެތި، އިތުބާރާއި ޔަޤީންކަމާއެކު ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގައި ދެމިތިބުން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މީޑިއާގައި ދެކެވުނު ފޯނު ކޯލުގެ މައްސަލައާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ތަޙުޤީޤުކޮށް ބެލުމަށްޓަކައި، އެކަމުގައި ތުހުމަތުކުރެވޭ މުވައްޒަފު މިހާރު ވަނީ ވަޒީފާގެ މަސައްކަތްތަކުން އެކަހެރިކުރެވިފައެވެ. އަދި މައްސަލަ ބެލުމަށްފަހު، ކުންފުނީގެ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ އިސްލާޙީ އަދި އިދާރީ އެންމެހައި ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އަޅަމުން ގެންދާނެ ކަމަށް ވެސް ކުންފުނިން ބުނެފައިވެއެވެ.
މި މައްސަލަ ފެންމަތިކުރި ރާއްޖެ ޓީވީއަކީ އާންމުކޮށް ރައްޔިތުންގެ މެދުގައި ދޮގު ވާހަކަ ދައްކައި، ފިތުނަ ފަސާދަ އުފައްދާ ބައެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ސްޓޭޝަނެއްކަން ފާހަގަކުރެވެއެވެ.
ކުންފުނިން އިތުރަށް ޔަޤީންކަން ދީފައިވަނީ، އެ މުއައްސަސާގެ އަބަދުވެސް އަމާޒަކީ ރައްޔިތުންގެ އިތުބާރު ދަމަހައްޓައި، ފެންވަރު ރަނގަޅު ޚިދުމަތެއް އަބަދުމެ ފޯރުކޮށްދިނުމުގައި ސާބިތުވެ ތިބުން ކަމަށެވެ.