Ads by Farudhun

ޚަބަރު

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަނީ

ފުނަދޫގައި އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަނީ

ކުރިން ބޭއްވުނު އަންހެނުންގެ ލީޑަޝިޕް ޕްރޮގްރާމެއް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

03 ސެޕްޓެމްބަރު 2026، 02:31

03 ސެޕްޓެމްބަރު 2026، 02:31

އަންހެނުންނަކީ ލީޑަރޝިޕް އަދި ސިޔާސީ ދާއިރާތަކުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށާއި، ޤައުމީ ތަރައްޤީގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ބޭނުންވާ ހުނަރާއި އިތުބާރު ޤާއިމުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ތިން ދުވަހުގެ "އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމް" ށ ފުނަދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ 2026 ސެޕްޓެމްބަރ 22 އިން 24 އަށް، ފުނަދޫގައި ކަމަށް ސިއްޙަތާއި، ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ތަމްރީނަކީ މުޅި ރާއްޖޭގައި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމްތައް ހިންގައިގެން، އިސް މަޤާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން އެ ވުޒާރާއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގެ ބޭނުމަކީ ނިންމުންތައް ނިންމާ ފެންވަރުގައާއި، އާންމު ޚިދުމަތްތަކާއި، އިޖުތިމާޢީ އަދި ސިޔާސީ ދާއިރާތަކުގައި އަންހެނުން ޢަމަލީގޮތުން ބައިވެރިވުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ފޯރުކޮށްދިނުން ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

ޕްރޮގްރާމުގެ ދަށުން 3 ދުވަހު ބައިވެރިންނަށް ލީޑަރޝިޕްގެ އަސާސްތަކާއި، ގަވަރނަންސް، ލާމަރުކަޒީ ނިޒާމު، ޖެންޑަރ އިކުއަލިޓީ، އަންހެނުން ބާރުވެރިކުރުވުން، ސިޔާސީ ލީޑަރޝިޕް އަދި ނެގޯޝިއޭޝަން ހުނަރުތަކާ ގުޅޭ ސެޝަންތައް ކުރިއަށްގެންދާނެ ކަމަށާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ އަންހެން ލީޑަރުންގެ ޚިދުމަތްތަކާއި، މުޖުތަމައުގައި އަންހެނުންގެ ދައުރަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ. މި ޕްރޮގްރާމަކީ ޤައުމު ބިނާކުރުމުގައާއި މުހިންމު ނިންމުންތައް ނިންމުމުގެ މަރުޙަލާތަކުގައި، އަންހެނުންގެ އިސްނެގުމާއި ޙިއްޞާ އިތުރުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވިފައިވާ ޕްރޮގްރާމެއް ކަމަށް ވެސް ވުޒާރާއިން ވިދާޅުވެއެވެ.

އަންހެނުންގެ ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމަކީ އަންހެނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، ޤައުމަށް ބޭނުންތެރި އަންހެން ލީޑަރުންގެ އާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ހެއްކެއް ކަމަޑް ވުޒާރާއިން ވިދާޅުވެއެވެ. އަދި ސަރުކާރުގެ ބޭނުމަކީ މިފަދަ މަސައްކަތްތަކުގެ ތެރެއިން އަންހެނުންގެ ޒާތީ އަދި މަސައްކަތުގެ ދާއިރާއިން ކުރިއެރުން ހޯދައިދީ، ޤައުމީ ފެންވަރުގެ އިސް ސަފުގައާއި ސިޔާސީ ދާއިރާގައި އެކަނބަލުންގެ ޙިއްޞާ ވަރުގަދަކުރުމެވެ. 

މިއީ މި ސިލްސިލާގެ ތެރެއިން ބޭއްވޭ ފަސްވަނަ ހަރަކާތެވެ. މީގެ ކުރިން ހއ. ދިއްދޫގެ އިތުރުން ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ އަދި އދ. މަހިބަދޫގައި މި ޕްރޮގްރާމް ވަނީ ކާމިޔާބީއާއެކު ފުރިހަމަކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450