ޚަބަރު
އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ސިލްސިލާ ބައްދަލުވުންތަކެއް ބައްވަނީ
އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ބޭއްވުނު ހަރަކާތެއް
އަންހެނުން އިޤްތިޞާދީ އަދި މާލީ ގޮތުން ބާރުވެރިކުރުވުމާ ގުޅޭގޮތުން ސަރުކާރުން ކުރިއަށްގެންދާ ސިލްސިލާ މަޝްވަރާތަކާއި ބައްދަލުވުންތަކެއް ށ އަތޮޅުގައި ކުރިއަށްގެންދިއުމަށް ތާވަލުކުރެވިފައިވާ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ މި ބައްދަލުވުންތަކުގެ މަޤްސަދަކީ ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަދި އަލަށް ވިޔަފާރިއަށް ނިކުންނަ އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި، ހުރި ފުރުޞަތުތަކާއި، ބޭނުންވާ ތަމްރީނުތަކުގެ އިތުރުން ލިބެންހުރި ވަސީލަތްތައް ދެނެގަނެ، އަންހެނުންގެ އިޤްތިސާދީ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލާފައިވާ ސިޔާސަތުތައް ތަންފީޒުކުރުން ހަރުދަނާކުރުން ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި ސީދާ ބައްދަލުކޮށް، ރަށުގެ އިޤްތިސާދުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކުރެވިދާނެ ޢަމަލީ ކަންކަން ދެނެގަތުމަށް މި މަޝްރޫއުގެ ދަށުން މަސައްކަތްކުރާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްވަރާތައް ށ. އަތޮޅުގެ 10 ރަށެއްގައި ކުރިއަށްދާނެ:
- 19 ސެޕްޓެންބަރުގައި: ފޯކައިދޫ
- 20 ސެޕްޓެންބަރުގައި: ގޮއިދޫ އަދި ކަނޑިތީމު
- 21 ސެޕްޓެންބަރުގައި: ފީވައް އަދި މިލަންދޫ
- 22 ސެޕްޓެންބަރުގައި: ށ ފޭދޫ އަދި ފުނަދޫ
- 23 ސެޕްޓެމްބަރުގައި: މާއުނގޫދޫ އަދި ކޮމަންޑޫ
- 24 ސެޕްޓެމްބަރުގައި: ޅައިމަގު
މިއީ އަންހެނުންގެ ތަޖުރިބާތަކާއި، ޚިޔާލުތައް އަދި ހުށަހެޅުންތައް ހިއްސާކުރުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށާއި، ެ. މި ބައްދަލުވުންތަކުން ލިބޭ މަޢުލޫމާތުތަކުގެ އެހީގައި، ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިކުރާ އަންހެނުންގެ ޙާލަތާ ގުޅޭ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް އެކުލަވާލެވޭނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.
މިއީ މި މަޝްރޫއުގެ ދަށުން މި ޕްރޮގްރާމް ހިންގާ ފަސް ވަނަ އަތޮޅެވެ. މިއަދާ ހަމައަށް މި ޕްރޮގްރާމްގެ ދަށުން ސިލްސިލާ ބައްދަލުވުންތައް ވަނީ، ލ.އަތޮޅު ފުވައްމުލަކު ސިޓީ އައްޑޫ ސިޓީ އަދި އދ އަތޮޅުގައި ކުރިއަށް ގެންގޮސްފައެވެ.
އަންހެނުންނަށް މާލީ އަދި އިޤްތިޞާދީ މިނިވަންކަމާއި ބާރުވެރިކަން ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޚާއްޞަ އިސްކަމެއް ދެއްވާ ކަމެކެވެ. މީގެއިތުރުން، މިއީ ޖެންޑަރ އީކުއަލިޓީ ޤާނޫނުގެ މަޤްޞަދުތައް ހާސިލުކުރުމަށް އެކަށައަޅާފައިވާ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގެ ވެސް މައިގަނޑު އެއް ލަނޑުދަނޑިކަން ވުޒާރާއިން ފާހަގަކުރައްވައެވެ.