ޚަބަރު
އިންޑިއާއިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
އިންޑިއާއިން ރާއްޖެއަށް ގަސް ހަދިޔާކުރުން. ފޮޓޯ: އެކްސް
ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ ކެރެލާ ސްޓޭޓުން ރާއްޖެއަށް 1،200 ގަސް ހަދިޔާކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހްކޮށްދެއްވާފައިވާ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" އަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުން ވެދިން އެހީއެކެވެ.
ރާއްޖެއަށް މި ގަސްތައް ހަދިޔާކޮށްފައިވަނީ، ރާއްޖޭގެ ގަސް އިންދުމުގެ މަޝްރޫއަށް އިންޑިއާއިން ގަސް ފޮނުވައިދީގެން އެހީތެރިވެދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދުގެ ދަށުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 25 ވަނަ ދުވަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، މި މަޝްރޫއަށް ގަސް ފޮނުއްވައިދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
CG Shifana received 1,200 saplings donated by the Kerala Forest Department, in fulfilment of the commitment made by PM Shri Narendra Modi during his 2025 visit to the Maldives to support President Dr Mohamed Muizzu’s “5 Million Tree Planting” initiative. pic.twitter.com/4M9wElhp5O
— Maldives in Trivandrum (@MDVinTRV) September 2, 2026
ކެރެލާގެ ފޮރެސްޓް މިނިސްޓަރު ޝިބޫ ބޭބީ ޖޯން އިސްވެ ހުންނަވައިގެން ކުރިއަށްގެންދެވި މި ހަރަކާތުގެ ދަށުން ހަދިޔާކުރި ގަސްތަކުގެ ތެރޭގައި ހިމެނެނީ 600 އަނބުގަހާއި 600 ހައިވަކަރު ގަހެވެ. އިންޑިއާގެ ކެރެލާ ފޮރެސްޓް ޑިޕާޓްމަންޓުން ހަދިޔާކުރި މި ގަސްތަކާ، ދިވެހިރާއްޖޭގެ ފަރާތުން ރަސްމީކޮށް ހަވާލުވެވަޑައިގެންނެވީ ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓްގެ ކޮންސުލް ޖެނެރަލް ޝިފާނާއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ މި ޕްރޮގްރާމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމާއި، ރަށްތައް ފެހިކޮށް ގަސްގަހާގެހި ގިނަކުރުމުގެ އިތުރުން، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ތިމާވެށީގެ ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމެވެ.