Ads by Farudhun

ޚަބަރު

މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

މިދިޔަ މަހު ސްކޭމްތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިއްޖެ

ސްކޭމްގެ މައްސަލަތައް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ސެޕްޓެމްބަރު 2026، 06:44

03 ސެޕްޓެމްބަރު 2026، 06:44

މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އެކިކަހަލަ އޮޅުވާލުންތަކާއި ސްކޭމްތަކުގެ މައްސަލަތަކުގައި އާންމުންގެ އަތުން 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އޮގަސްޓް މަހު ސްކޭމްގެ ޖުމްލަ 184 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. މި މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 1,962,260.38 ރުފިޔާއަށް އަރާއިރު، ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އޭގެ ތެރެއިން 1,129,106.87 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ފުލުހުން ވިދާޅުވީ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތައް ކަމަށެވެ. މިފަދަ 79 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ ބޭރު ފައިސާ މާރުކޮށްދޭނެ ކަމަށްބުނެ ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 43 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ބުކިންގ ކެންސަލް ނުވަތަ ރިފަންޑާ ގުޅުވައިގެން ހިންގި 20 މައްސަލައަކާއި، ދަންނަ މީހުންގެ ނަމުގައި ގުޅައިގެން ނުވަތަ މެސެޖު ކޮށްގެން ފައިސާ ހޯދި 18 މައްސަލައެއްގެ އިތުރުން، އަންއޮތޮރައިޒްޑް ޓްރާންސެކްޝަންގެ 12 މައްސަލައާއި އެހެނިހެން ގޮތްގޮތަށް ހިންގާފައިވާ 12 މައްސަލައެއްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ސްކޭމްތައް ހިންގާ ވަސީލަތްތަކަށް ބަލާއިރު، ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 99 އިންސައްތައަކީ ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް ހިންގާ ކަންކަމެވެ. މީގެ ތެރެއިންވެސް 95 އިންސައްތަ ހިއްސާކުރަނީ ސީދާ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކެވެ. މީގެއިތުރުން އޮންލައިން މެސެޖިންގ މަންސަތަކާއި، އައިބޭ، ފޯން ކޯލު އަދި ފިޝިންގ ލިންކުތަކަކީވެސް މިފަދަ ކަންކަމަށް އާންމުކޮށް ބޭނުންކުރާ ވަސީލަތްތަކެވެ.

ސްކޭމުގެ މައްސަލަތައް ހުއްޓުވުމަށް ފުލުހުން މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނައިރު، ފުލުހުން ވަނީ އޮންލައިންކޮށް ފެންނަ ކޮންމެ އިޝްތިހާރަކީ ނުވަތަ ލިބޭ ކޮންމެ މެސެޖަކާއި ކޯލަކީ ތެދު މައުލޫމާތު ކަމަށް ނުދެކުމަށް އިލްތިމާސްކޮށްފައެވެ. އަދި ފައިސާގެ މުއާމަލާތެއް ކުރުމުގެ ކުރިން ނުވަތަ އަމިއްލަ މައުލޫމާތެއް ހިއްސާކުރުމުގެ ކުރިން ވިސްނާލުމަށާއި، މުއާމަލާތް ކުރެވެނީ ކާކާތޯ ޔަގީންކުރުމުގެ އިތުރުން އަވަސް އަރުވާލައިގެން ފައިސާ ފޮނުވަން ކުރާ ޑިމާންޑުތަކަށް ސަމާލުވުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450